ޗައިނާގެ ދެމަފިރިއެއް ކަމަށްވާ ސަން ހައުޔަންގްއާއި އޭނާގެ އަންހެނުން ޕެންގް ސިޔިން މީގެ 14 އަހަރު ކުރިން ވަގަށް ނަގާފައިވާ އެމީހުންގެ ދަރިފުޅާ ބައްދަލުވެއްޖެ އެވެ.

ގުއާންޑޮންގް ޕްރޮވިންސްގެ ޝެންޒެންގައި ދިރިއުޅެމުން އަންނަ މި ދެމަފިރިންނަށް މިހާރު އުމުރުން 18 އަހަރު ވެފައިވާ އެމީހުންގެ ދަރިފުޅު ސަން ޒުއޯއާ ބައްދަލުވީ ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީއިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ހޫބެއި ޕްރޮވިންސަށް ނިސްބަތްވާ މި ދެމަފިރިން ޝެންޒެންއަށް ބަދަލުވީ 2007 ވަނަ އަހަރު އެ އަވަށުގައި ވިޔަފާރިއެއް ފަށައި ޒުއޯއަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށެވެ. ނަމަވެސް އެ އަހަރުގެ އޮކްޓޯބަރު މަހު ނުވަ ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އެއާއިލާ ދިރިއުޅެމުން ދިޔަ ގޭގެ ބޭރުގައި ކުޅެން އުޅެނިކޮށް އޭރު އުމުރުން ހަތަރު އަހަރުގެ ޒުއޯ ވަނީ ވަގަށް ނަގާފަ އެވެ.

އޭގެފެހުން ސަން ވަނީ އޭނާގެ ދަރިފުޅު ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ޗައިނާގެ ބޮޑު ބަޔަކަށް އޭނާ ވަނީ ދަތުރުކޮށްފަ އެވެ. އަދި ހަމަ އެހެންމެ ދަރިފުޅު ހޯދައިދިން ފަރާތަކަށް އޭނާ ވަނީ 200،000 ޔޫއާން (43000 ޑޮލަރު) ވެސް ހުށައަޅާފަ އެވެ.

"އިނާމަށްޓަކައި މީހުން ދޮގު މައުލޫމާތު ދިން ނަމަވެސް ހިތްހަމަ ޖެހުން ލިބޭ. ދަރިފުޅު ފެނިދާނެ ކަމުގެ އުއްމީދު އެކަމުން ލިބޭ." ސަން ބުންޏެވެ.

ސަން އޭނާގެ ދަރިފުޅު ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބިނާކޮށް "ޑިއަރެސްޓް"ގެ ނަމުގައި 2014 ވަނަ އަހަރު ވަނީ ފިލްމެއް ވެސް ނެރެފަ އެވެ. އެ އާއިލާ ބައްދަލުވުމާއެކު ފިލްމުގެ ބަތަލު ވަނީ އާއިލާއަށް މަރުހަބާ ކިޔައި ފުލުހުންގެ މަސައްކަތަށް ތައުރީފް ކޮށްފަ އެވެ.

އެންމެފަހުން ޒުއޯގެ ކުޑައިރުގެ ފޮޓޯތަކާ ވައްތަރު ޒުވާނެއް އެގައުމުން ފެނިގެން ހެދި ޑީއެންއޭ ޓެސްޓުތަކުން އެއީ ޒުއޯ ކަން ވަނީ ޔަގީންވެފަ އެވެ.

ޒުއޯ ބުނި ގޮތުގައި އޭނާގެ އަސްލު މައިންބަފައިންނަކީ އެހެން ބައެއްކަން ފުލުހުން ގުޅުމާ ހަމައަށް ނޭނގޭ ކަމަށާއި އޭނާ ބަލާބޮޑު ކުރި އާއިލާ އޭނާއަށް ވަރަށް ރަނގަޅު ކަމަށެވެ.

މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީއިން ބޭއްވި ރަސްމިއްޔާތުގައި ސަންގެ އާއިލާގެ އިތުރުން އެހެން ދެއާއިލާއެއް ވެސް ވަނީ އެމީހުންގެ ގެއްލިފައިވާ ދަރިންނާ ބައްދަލުވެފަ އެވެ.

ޗައިނާގައި ކުޑަކުދިން ވަގަށް ނެގުމަކީ އާއްމު ކަމަކަށް ވާއިރު މިއަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ފުލުހުން ވަނީ އެފަދަ 290 ކޭސް ތަހުގީގުކޮށް ނިންމާ އެ މައްސަލަތަކުގައި 690 މީހުން ހައްޔަރު ކޮށްފަ އެވެ.

އޭގެ އިތުރުން ގެއްލިފައިވާ ކުޑަކުދިން ހޯދުމުގެ ކެމްޕެއިނެއްގެ ދަށުން 8307 ކުއްޖަކު ހޯދައި އެކުދިންގެ އާއިލާތަކާ ހަވާލު ކުރެވިފައިވާ ކަމަށް ވެސް އެމިނިސްޓްރީއިން ބުންޏެވެ.