މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ކަންކަމަށް އެހެން އެއްވެސް ބަޔަކަށް އަރައި ނުގަނެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ ލާމަރުކަޒީ ގާނޫނުން ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ ކަންކަން ކަނޑައަޅާފައިވާ ކަމަށާއި، ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ ގާނޫނީ ޒިންމާ އަދާކުރުމަށް ކަމަށެވެ. އަދި ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގެ ދަށުގައި ހިމެނޭ ތަނެއްކަމަށާ، ހުޅުމާލޭގެ މުސިޕަލް ޚިދުމަތްތަކާއި އަދި އެނޫންކަންކަން ކުރުމުގެ ބާރު ވެސް ގާނޫނުން މާލެ ސިޓީ ކައުންސިލަށް ލިބިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މިއަދު މާލެ ސިޓީ ކައުންސިލާ ހަވާލު ކުރިނަމަވެސް ކައުންސިލުން އޮތީ ޙަވާލުވާން ތައްޔާރަށް ކަމަށެވެ. ނަމަވެސް މަސައްކަތް ހަވާލުކުރާއިރު، ބޭނުންވާ ބަޖެޓުވެސް ސަރުކާރުން ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުއިއްޒު މާލެ ސިޓީ ކައުންސިލާއި އެޗްޑީސީގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު އިދިކޮޅު ޖަލްސާ ހިޔާ ފްލެޓް ސަރަޙައްދުގައި ބޭއްވުމަށް އެޗްޑީސީން ހުއްދަ ނުދިނުމުން މާލެ ސިޓީ ކައުންސިލުން ވަނީ އިއްޔެ ބޭއްވި އެކައުންސިލްގެ ބައްދަލުވުމުގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ.

ކުއްލިގޮތަކަށް އެޗްޑީސީގެ މިލްކުގެ ދަށުގަވާ ހުޅުމާލެ ބިމުގެ ރަޖިސްޓަރީ ބާޠިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމެވި ނިންމުމަކީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށާއި، މިކަމުގައި ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފަ އެވެ.