ބްރެޒިލް އިން ރާއްޖެ އައި ދެމީހެއްގެ އަތުން 18 ކިލޯގެ މަސްތުވާތަކެތި ހޯދި މައްސަލައިގައި ހައްޔަރު ކުރި ފިރިހެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން އަމުރުކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު އެއިދާރާއިން މިތަކެތި ހޯދާފައި ވަނީ ރާއްޖެއައި ބްރެޒިލްއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ކްރިސްޓިއާނޯ ނަމަކަށް ކިޔާ ފިރިހެން މީހާގެ ލަގެޖުން ކަމަށެވެ. އޭނާއާއެކު އަންހެނަކު އައިއިރު، އެ އަންހެން މީހާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ ހައްޔަރުކުރީ އޭނާއާ މެދު ޝައްކުކުރެވިގެން އެ އިދާރާއިން އޭނާގެ ލަގެޖް ބަލާ ފާސްކުރުމުން ކަމަށް ކަސްޓަމްސްއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިގޮތުން ފިރިހެން މީހާގެ ލަގެޖް ބަލާ ފާސްކުރިއިރު ލަގެޖުގެ ތެރެއިން ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ފެނިފައިކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މި މައްސަލަ ބެލި ޝަރީއަތުގައި އެ ދެމީހުން ވެސް ވަނީ އެ ތަކެތި އެމީހުންގެ ލަގެޖަށް އައީ ކިހިނެއް ކަމެއް ނޭނގޭ ކަމަށް ބުނެ އެ މީހުންނަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އެހެންނަމަވެސް މި މައްސަލައިގައި ހައްޔަރުކުރި ކްރިސްޓިއާނޯއަށް ދައުލަތުން ވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅޭކަމަށާއި، އެތަކެތިން ވިޔަފާރިކުރުމުގެ ދައުވާ އުފުލާފަ އެވެ.

މި މައްސަލައިގައި އޭނާގެ އަތުން 18.8 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާއިރު، އެތަކެތީގެ އަގަށް 94 މިލިއަން ރުފިޔާ އަރާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.