ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ ކެއުމުން ހަށިގަނޑަށް ކެމިކަލްގެ އަސަރުކޮށްގެން ހަކުރު ބައްޔާއި ހިތުގެ ބަލިތައް އަދި އެނޫންވެސް ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ސްޓެންފޯޑް އެންޑް ޖޯންސް ހޮޕްކިންސް ޔުނިވަސިޓީތަކުގެ ސައިންސްވެރިން މި ދިރާސާ ހަދާފައިވަނީ އެކި ގައުމުތަކުގެ އެކި އުމުރުގެ އެކި ފަންތީގެ މީހުން ބައިވެރިކޮށްގެންނެވެ.

އެންވަޔަރަންމަންޓް ރިސާޗްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުގައިވާ ގޮތުން ދަޅުގައި ބަންދުކުރާ ކާނާގައި ހުންނަ ބިސްޕެނޯލް ކެމިކަލް އަކީ ނުރައްކާ މާއްދާ އެކެވެ. އޭގެ މިންވަރު ދަށްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވެސް ދިރާސާގައި ވަނީ ބުނެފަ އެވެ.

މި ދިރާސާގައި ހަ އަހަރާއި ދޮށީ އުމުރުތަކުގެ 7669 މީހުން ބައިވެރި ކުރި އެވެ. އަދި 2003 އިން ފެށިގެން 2008 ގެ ނިޔަލަށް މިހުރިހާ ބައިވެރިން ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ކެއި ހުރިހާ ކާނާއެއްގެ ރެކޯޑާއި އެމީހުންގެ ކުޑަކަމުދާ އެއްޗެހީގައި ބީޕީއޭ ކޮންސެންޓްރޭޝަން ހުރި ވަރު ދެނެގަނެފައިވެ އެވެ. މި ގޮތުން ބެލި ބެލުމުން، ދަޅުގައި ބަންދުކޮށްފައިވާ ކާނާ ގިނައިން ކައިފައި ހުރި މިންވަރަކުން އެމީހުންގެ ކުޑަކަމުދާ އެއްޗެތީގައި ބީޕީއޭ ކެމިކަލް ހުރިކަން ސާބިތު ކުރެވުނެވެ.

"އެންމެ ދަޅެއްގެ މިންވަރު ކެއުމުން ވެސް އެމީހެއްގެ ކުޑަކަމުދާ އެއްޗެހީގައި ބީޕީއޭގެ އަސަރު 54 ޕަސެންޓަށްވެސް މައްޗަށްދޭ،" ދިރާސާ ތައްޔާރުކުރެއްވި ޓީމުގައި ހިމެނޭ ބޭފުޅަކު ވިދާޅުވި އެވެ.

ބީޕީއޭ ހުންނަނީ ދަޅުގެ އެތެރެ ފަރާތުގަ އާއި ބިއްލޫރި ޖަގު، ފުޅި ފަދަ ތަކެތީގެ ވެސް މަތިގަނޑުގެ އެތެރެބައިގައި ލާފައިވާ ފަށަލައިގަ އެވެ.

މި ދިރާސާއިން ހޯދިފައިވާ އިތުރުކަމަކީ އެކި ވައްތަރުގެ ކާނާ ދަޅުގައި ބަންދުކުރުމުން ބީޕީއޭ ހުންނަ މިންވަރަށް ތަފާތު އަންނަ ކަމެވެ. އެގޮތުން އެންމެ މައްޗަށް ބީޕީއޭ ހުންނަނީ އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާގެ ތެރެއިން ކެއުން އެންމެ ރައްކާތެރި ނޫނީ ދަޅުގައި ބަންދުކޮށްފައި ހުންނަ ސޫޕް، ޕާސްޓާގެ އިތުރުން ތަރުކާރީ އާއި މޭވާ އެވެ.

ކެލިފޯނިއާ ސްޓޭޓުން ބީޕީއޭ ލިސްޓުކޮށްފައި ވަނީ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ވިހައިގެ އަސަރުކުރާ އެއްޗެއްގެ ގޮތުގަ އެވެ. އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ ބައެއް ކަހަލަ ތަކެތީގައި ބީޕީއޭ ބޭނުންކުރުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ބުއްފުޅި، ތުއްތުކުދިންނަށް ދިޔާއެއްޗެތި ބޯންދޭން ތައްޔާރުކޮށްފައި ހުންނަ ތަށި، ދަޅުގައި ބަންދުކޮށްފައި ހުންނަ ކުޑަކުދިންގެ ތައްޔާރީ ދިޔާ ކާނާތައް ހިމެނެ އެވެ.