ގިނައިން ކަސްރަތުކުރާ މީހުންނަށް ކިޑްނީގެ ބަލިތަައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވާ ކަމަށަ ދިރާސާ އަކުން ދައްކައިފި އެވެ.

ޓައިވާނުގައި ޗައިނީޒް ޔުނިވަސިޓީ އޮފް ހޮންކޮންގްއިން މި ދިރާސާ ހަދާފައި ވަނީ ކިޑްނީގެ އެއްވެސް ކަހަލަ މައްސަލައެއް ނެތް 200،000 މީހުންގެ ސިއްހީ ހާލަތު 18 އަހަރުގެ މުއްދަތަކަށް ރެކޯޑް ކޮށްގެންނެވެ. އެގޮތުން ފާހަގަކުރެވުނު މައިިގަނޑު ކަމަކީ އެ މުއްދަތުގެ ތެރޭގައި، އާންމުކޮށް ގިނައިން ކަސްރަތުކުރާ މީހުން އެ ނޫން މީހުންނާ އަޅާކިޔާ އިރު ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު ނުވަ ޕަސެންޓް ދަށްވި ކަމެވެ.

މި ދިރާސާ ހެދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވިދާޅުވާ ގޮތުގައި ހަރަކާތްތެރިކަން ކުޑަވުމަކީ ސިއްހީ ގޮތުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. އެގޮތުން ކަސްރަތުކޮށް، ހެލިފެލިވެ އުޅުން އާންމު ނަމަ ހަށިގަނޑު ލޭ ދައުރު ކޮށްދިނުން ރަނގަޅުވުމާ އެކު ހިތުގެ އެކި މައްސަލަތަކާއި ހަކުރުބަލި ފަދަ ކަންކަމުން ރައްކާތެރިކޮށްދޭން ބާރުއަޅާ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ. އަދި އެފަދަ މީހުންނަށް ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ވެސް ކުޑަ ކަމަށް ވިދާޅުވި އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އުމުރުން ދުވަސްވަމުންދާ ވަރަކަށް ކިޑްނީގެ މަސައްކަތްތައް ވެސް ދާނީ ދަށް ވަމުންނެވެ. ނަމަވެސް ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކުން މިކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދޭނެ ކަމަށް ބުންޏެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ކެއުން ކޮންޓްރޯލްކޮށް ސިއްހަތަށް ފައިދާ ހުރި ކާނާތައް ކާން އިސްކަން ދިނުން ފަދަ ކަންކަން ކުރެވިދާނެކަން ފާހަގަކޮށްފައިވެ އެވެ.

ދިރާސާގައި ބުނިގޮތުގައި ކިޑްނީގެ މައްސަލަތަކާއި ހިތުގެ މައްސަލަތައް ހުންނަ މީހުން ތިބޭ އާއިލާއެއް ނަމަ އެ މީހަކަށް ކިޑްނީ ބަލި ވާރުތަކުރުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ.

ޑޮކްޓަރުން އިރުޝާދު ދެއްވާ ގޮތުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޮޑު މީހަކަށް ހަފުތާއަކު 75-150 މިނިޓްގެ ކަސްރަތު ބޭނުންވާނެ އެވެ. އޭގެ ތެރޭގައި ތަންކޮޅެއް ލުއި ކަސްރަތާއި ތަންކޮޅެއް ބަރު ކަސްރަތު ވެސް ހިމެނެ އެވެ.