މިސަރުކާރުން ހިންގަމުންގެންދާ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެ ގޮތެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއުރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެމްއެންޕީގެ ނައިބް ރައީސް އުޝާމް މިހެން ވިދާޅުވީ މިސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.
އުޝާމް ވިދާޅުވީ، ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން އޭސީސީ ގާނޫނީ ހުސްކަމަކަށް ދުއްވާލާފައިވާ ކަމަށާއި، އެ ކޮމިޝަނަށް މެންބަރުން އައްޔަނު ކުރުމަށް ސަރުކާރުން އަވަސްކުރަން ބޭނުންނުވާ ކަމަށެވެ.
"އެމްޑީޕީ އިން ވަރަށް ރޭވުންތެރިކަމާއެކު މަޖިލިސް ރިސެސް ދުވަސްވަރު ދައުރުން ބޭރު ޖަލްސާ ބާއްވައިގެން އޭސީސީ މިއޮތީ ގާނޫނީ ހުސް ކަމަކަށް ދުއްވާލާފަ. އޭސީސީއަށް މެންބަރުން އައްޔަންކުރުން އަވަސްކުރަން ސަރުކާރުން ބޭނުމެއްނުވޭ. މިސަރުކާރުން ހިންގަމުންގެންދާ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެ ގޮތެއް ނެތް،" އުޝާމް ވިދާޅުވި އެވެ.
އުޝާމް މިހެން ވިދާޅުވި އިރު މިނިސްޓަރު މާރިޔާ ވިދާޅުވީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރެވޭ ނަމަ އޭސީސީއަށް ހުށަހަޅައިގެން އެ މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފަ އެވެ. މާރިއާ މިހެން އެދިވަޑައިގަތް ނަމަވެސް، އޭސީސީ އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.
އޭސީސީގެ ބޯޑު އެއްކޮށް ހުސްވެފައި ވަނީ މިދިޔަ މަހު، އެ ކޮމިޝަނުގެ މެންބަރުން ވަކިކުރަން ނިންމައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ތަޅުމަށް ފޮނުވަން ފާސްކޮށްފައި ވަނިކޮށް ބާކީ ތިބި މެންބަރުން ކަމަށްވާ އެ ކޮމިޝަނުގެ ރައީސް މަރިއަމް ޝިއުނާ އާއި ފާތިމަތު އަނޫލާ އާއި އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ.
އެއާއެކު، ސަރުކާރުން ވަނީ އޭސީސީގެ ބޯޑަށް ކުރިމަތިލުމަށް މިމަހުގެ ފަސްވަނަ ދުވަހު އަލުން ހުޅުވާލާފަ އެވެ.
ޟޮސަރުކާރުގަ ކަރަޕް މީހުން ދުވަހަކުވެސް ނުތިބޭނެ ވަރަށް ސާފުކޮށްމިބުނަނީ