އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ފަސްކުރަން ނިންމެވީ އެ މައްސަލަ ބައްލަވާ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މަހުލޫފުގެ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބު މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މިނިސްޓަރު މަހްލޫފުގެ މައްސަލަ ކޮވިޑުގެ ބަލިމަޑުކަމުގެ ހާލަތު ރަނގަޅު ވަންދެން ފަސްކުރަން ނިންމާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ނޫން ކަމަށެވެ.

މަހްލޫފްގެ ޝަރީއަތް ފަސްކުރުމަކީ އެ މައްސަލަ ބައްލަވާ ސެކްޝަނުގެ ގަޒީއެއްގެ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ވަކިވަކި ގާޒީންނާ ހަވާލުކުރުމަށްފަހު، އެ މައްސަލަތައް ތާވަލުކުރާނެ ގޮތެއް ނިންމުމަކީ އެ މައްސަލައެއް ކުރިއަށްގެންދާ ޝެކްޝަނުގެ ގާޒީން ނިންމަވާ ކަމެއް ކަމަށެވެ.

މަހުލޫފުގެ މައްސަލަ ބައްލަވާ ގާޒީއަކީ މުހައްމަދު މިސްބާހެވެ.

ކޮވިޑާ ގުޅިގެން މިނިސްޓަރު މަހްލޫފްގެ ޝަރީއަތްތައް ފަސްކުރި ނަމަވެސް އެ ކޯޓުގައި ކުރިއަށްދާ އެހެން ޝަރީއަތްތައް ބާއްވަމުން އަންނަކަން ފާހަގަ ކޮށްލެވެ އެވެ. އަދި މިހާރު ގިނަ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.

ކޮވިޑް ހާލަތު ގޯސްވެގެން މިނިސްޓަރު މަހުލޫފުގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފަސްކޮށްފައިވާއިރު އަންނަ މަހު ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކެމްޕެއިންނަށް މަހުލޫފު ވަނީ އެ ދާއިރާގެ ގިނަ ރަށްތަކަކަށް ވަޑައިގެންފަ އެވެ.