މަސްތުވާތަކެތީގެ މައްސަލައެއްގައި ޝްރީލަންކާގެ ކޯޓަކުން މިއަދު ދިވެއްސަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ލަންކާގެ ކޯޓުން އުމުރަށް ޖަލަށް ލުމަށް ހުކުމްކުރީ، 22 އޭޕްރީލް 2016 ގައި އެގައުމުން މަސްތުވާތަކެއްޗާއި އެކު އަތުލައިގަތް ދިވެއްސެކެވެ. އޭނާ އާއެކު އެހެން ދިވެއްސަކަށް ވެސް މި މައްސަލައިގައި ދައުވާ އުފުލާފައިވާއިރު، އޭނާ ވަނީ މައްސަލައިން ސަލާމަތްވެފަ އެވެ. ނަމަވެސް އޭނާ ދޫކޮށްލި ސަބަބައެއް ހާމަވެފައެއް ނުވެ އެވެ.

ލަންކާ ޕޮލިހުން އެމީހުން އަތުލައިގަނެފައި ވަނީ ލަންކާގެ ބަމްބަލަޕިޓިޔާ ސަރަހައްދުގައި ހުންނަ ހޮޓަލަކުން ކިލޯއެއްގެ ހިރޮއިންއާ އެކުގަ އެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ ވަނަވަރު ލަންކާގެ ޕޮލިހުން ހާމަކޮށްފައެއް ނުވެ އެވެ.

ލަންކާގެ ނޫސްތަކުން ބުނާގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި މީހާ އެގައުމުގެ ކޮލަމްބޯ ހައި ކޯޓުން އުމުރަށް ޖަލަށް ލުމަށް އަމުރު ކުރީ 265 ގްރާމްގެ ހެރޮއިން އޭނާގެ އަތުން ފެނުމުންނެވެ.

މަސްތުވާތަކެއްޗާ އެކު ފެނުނު ދިވެހި މީހުން ހައްޔަރުކުރި މައްސަލައިގައި ލަންކާގެ ޕޮލިހުން އޭރު ބުނީ އެ ދެމީހުން ނިސްބަތް ވަނީ އަވަށްޓެރި ގައުމުތަކާ ގުޅިގެން ޑްރަގްގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކަކަށް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާގެ ޕޮލިހުން ކުރި މަސައްކަތްތައް ވެސް ވަރުގަދަކޮށްފައިވެ އެވެ.