މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ބަންދުކުރި މަޝްހޫރު ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުޙައްމަދު (ޕެސްޓު) ޖަލު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން އަލުން ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައި ދައުވާތަކެއް އުފުލައި، ޝަރީއަތް ނިމެންދެން ޕްސްޓު ބަންދުކުރީ މިދިޔަ އަހަރުގަ އެވެ.

ޕެސްޓްގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުންކުރުމުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމުގެ ދައުވާކޮށްފައިވާއިރު، އެ ދައުވާތައް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ޕެސްޓުގެ މައްޗަށް އަންނާނެ އެވެ.

ޕެސްޓު ވަނީ މިދިޔަ މަހު ބޭސްފަރުވާއަށް ޖަލު ބަންދުން ދޫކޮށްލާފަ އެވެ. އޭނާ ގޭބަންދަށް ދޫކޮށްފައި ވަނީ ބޭސްފަރުވާއަށް ނޫން ގޮތަކަށް ބޭރުގައި ނޫޅުމަށް ޝަރުތުކޮށް ދެ މަސްދުވަހުގެ މުއްދަތަށެވެ.

ނަމަވެސް ޕެސްޓު ދޫކޮށްލި މައްސަލައަށް ދައުލަތުން ވަނީ ކޯޓުގައި އެކަމާ ދެކޮޅު ހަދައިފަ އެވެ. އޭނާގެ އިތުރުން އެ މައްސަލާގައި އިތުރު ތިން މީހަކަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.