އެމްޑީޕީ އޮފީހުގައި މާރާމާރިއެއް ހިންގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދިން މީހާގެ ބަންދަށް 15 މަސް ޖަހައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ހަނީކޯމްބް، އަހްމަދު ޖަޒީލް އެވެ. މިއަދު ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމްކޮށްފައިވަނީ 15 މަހާއި އަށް ދުވަހަށް ޖަލަށް ލުމަށެވެ. އެގޮތުން ދައުލަތުން ވަނީ ދެ މީހަކަށް ހަމަލާދިނުމާއި ގުޅިގެން އޭނާއަށް ދައުވާކޮށްފަ އެވެ.

ޗޭނުގަނޑަކުން ޖަހައި މަންދީގެ ބޯފަޅާލި މައްސަލައިގައި އޭނާ ހައްޔަރު ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު އެވެ. ނަމަވެސް ޖަޒީލްއަކީ ނަފްސާނީ ބަލިމަޑުކަމަކަށް ފަރުވާކުރަމުން ގެންދާ މީހެއް ކަމަށް ބުނެ އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ޑިސެމްބަރު 30 ވަނަ ދުވަހު ފުލުހުން އަނެއްކާ ވެސް ޖަޒީލް ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކުރީ އޭނާގެ މައިންބަފައިންނަށް އިންޒާރު ދިނުމާ ގުޅިގެންނެވެ. އަދި މި މައްސަލައިގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް 10 ދުވަސް ޖަހާފަ އެވެ.

ޖަޒީލްގެ މައްޗަށް މީގެ ކުރިން މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުތަކެއް ވެސް ކޮށްފައިވެ އެވެ. އޭގެ އިތުރުން އޭނާ އަށް ވަނީ މާރާމާރީއެއް ހިންގި މައްސަލައެއްގައި ވެސް ހުކުމް ކޮށްފަ އެވެ.