އައިޖީއެމްއެޗް ހޮސްޕިޓަލުގައި ނަފްސާނީ ބައްޔަށް ފަރުވާ ކުރާ ޑޮކްޓަރުންނަށް ދައްކާ ވެއިޓިން ލިސްޓުގައި ތިބި މީހުންގެ އަދަދު 3،000 އަށް އަރައިފި އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި މިވަގުތު 3،000 އަށް ވުރެ ގިނަ މީހުން ވަނީ ސައިކޭޓްރިސްޓުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ނަގާފަ އެވެ. އަދި ވެއިޓިން ލިސްޓު ހުސްވެ ދެން ޑޮކްޓަކަށް ދެއްކޭނީ އެއް އަހަރު ދުވަސް ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވީ އައިޖީއެމްއެޖްގައި މިވަގުތު ނަފްސާނީ ބައްޔަށް ފަރުވާކުރާ މީހުން ބަލަން ތިބީ ފަސް ޑޮކްޓަރުން ކަމަށެވެ.

ހަމައެހެންމެ އެ ހޮސްޕިޓަލުގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ސައިކޮލޮޖިސްޓުންނަށް ދެއްކޭނީ ސައިކޭޓްރިސްޓުންނަށް ދެއްކުމަށް ފަހުގައި ކަމަށާއި، ސައިކޮލޮޖިސްޓުންގެ ހިދުމަތް ދޭން ހުންނެވީ ވެސް އެ ޑޮކްޓަރުން ކަން ފާހަގަކޮށް އޭނާ ވަނީ ސައިކޮލޮޖިސްޓަކަށް ދެއްކޭނީ ވެސް އެއް އަހަރު ދުވަސް ފަހުން ކަމަށް ބުނެފަ އެވެ.

އޭނާ ބުނިގޮތުގައި އެޑޮކްޓަރުން ދަނީ ހަފްތާތަކު ތިން ދުވަހު 10-15 ބަލި މީހުން ބަލަމުންނެވެ.

ރައީސް އޮފީހުން އާންމުކުރި ބަޔާނެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގައި، ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް، ރާއްޖޭގައި އެކަށީގެންވާ ނިޒާމެއް ނެތުމުގެ ޝަކުވާ ގިނަ އަދަދެއްގެ ރައްޔިތުން ފަރާތުން އައިސްފައިވާކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް 2019 އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އާސަންދައިގެ ޒަރިއްޔާއިން ނަފްސާނީ ބަލިތަކާއި އަދި އެކަމާއި ގުޅުންހުރި ކަންކަމަށް ޚިދުމަތް ލިބޭނެ އިންތިޒާމެއް އެކުލަވާލުމަށް ހިމަނާފައިވެ އެވެ.