މެރިއުޕޯލް (21 މާޗް) މިހާރުކުރިއަށް ދާ ޔޫކްރެއިން ހަނގުރާމައިގައި އެގައުމުގެ އަވަށެއް ކަމަށްވާ މެރިއުޕޯލްއިން މީހުން ހުސްކޮށް އަމާން ދިނުމަށް އިންޒާރު ދީ ރަޝިއާއިން ދިން މުހުލަތަށް ޔޫކްރެއިންއިން ދެކޮޅު ހަދައިފި އެވެ.

ހަނގުރާމައިގެ ކުރިން 400،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް މެރިއުޕޯލްގައި ހަމަލާ ބަދަލު ކުރުންތައް ކުރިއަށްދާތާ ތިން ހަފްތާ ވަނީ ވެފަ އެވެ.

ރަޝިއާއިން ދިން އިންޒާރުގައި އެ ސަރަހައްދު ދޫކޮށް ދާން ބޭނުންވާ މީހުންނަށް ދެވޭނެ އަމާން މަގެއް ފަހި ކޮށްދޭނެ ކަމަށް ބުނި ނަމަވެސް އެގައުމުން ވަނީ މީގެ ކުރިން ވެސް އެ ސަރަހައްދު ދޫކޮށް ދާން މަސައްކަތްކުރި މީހުންނަށް ހަމަލާދީ ހުއްޓުވާފަ އެވެ.

މެރިއުޕޯލްގައި ރައްދު ހަމަލާ ދެމުންދާ ސިފައިން ހަތިޔާރު ބަހައްޓާ އަމާން ދިނުމަށް ރާއްޖެ ގަޑިން މިއަދު ހެނދުނު 11 ޖެހުމާ ހަމައަށް ރަޝިއާއިން ދިން މުހުލަތު ފާއިތުވެގެން ދިޔައިރު ވެސް ޔޫކްރެއިންއިން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ޔޫކްރެއިންގެ ރައީސް އޮލޮދިމީރް ޒެލެންސްކީ ވަނީ މަޝްވަރާތަކަށް ތައްޔާރު ނަމަވެސް ހަތިޔާރު ބަހައްޓާ އަމާން ނުދޭނެ ކަމަށް މީގެ ކުރިން ވެސް ބުނެފަ އެވެ.

ރަޝިއާއިން މެރިއުޕޯލްގެ ކޮންޓްރޯލް ހޯދަން ބޭނުންވަނީ އެއީ ބަނދަރެއް އޮތް އަވަށަކަށް ވެފައި ރަޝިއާގެ ބާރު އޮންނަ ކްރިމިއާ ޕެނިންސިއުލާއާ ގުޅުވައިދޭ އަވަށަކަށް ވާތީ ކަމަށް މާހިރުން ބުނެ އެވެ. -- ސީ އެން އެން