ފިހާރަތަކާއި ބާޒާރުގައި ހުންނަ މޭވާ އާއި ތަރުކާރީ އަދި ފަތުގެ ބާވަތްތައް ބަލާލަން ކިތަންމެ ރީތިވެފައި ތާޒާ ނަމަވެސް އެތަކެއްޗަކީ ގިނަ އަދަދަކަށް ޕެސްޓިސައިޑްސް އާއި ވެކްސް ސްޕްރޭ ކޮށްފައި ހުންނަ ތަކެއްޗެވެ. އެހެން ކަމުން އެ ތަކެތި ބޭނުން ކުރަންވާނީ ވަރަށްވެސް ރަނގަޅަށް ދޮވެ ސާފު ކޮށްގެންނެވެ.

މޭވާ އާއި ތަރުކާރީ ދޮވެ ސާފު ކުރުމަށް، އެތަކެތި ހަމައެކަނި ފެން އެއްޗަކަށް ލާފައި ނެގުމަކުން ނުފުދެ އެވެ. އޭގެ ބަދަލުގައި، އެތަކެތިން ހިރަފުހާއި ބޭސްތައް ރަނގަޅަށް ފިލުވާލައި ކާން ހެޔޮވާވަރަށް ސާފު ކުރަން ޖެހެ އެވެ.

އެގޮތުން މޭވާ އާއި ތަރުކާރީ އަދި ފަތުގެ ބާވަތްތައް ދޮވެ ސާފު ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.

އެންމެ ފުރަތަމަވެސް ތިބާގެ އަތް ސައިބޯނި ލައިގެން ރަނގަޅަށް ދޮވެލާށެވެ. ކާއެއްއެއްޗެހީގައި އަތް ލުމުގެ ކުރިންނާއި ކެއުމުގެ ކުރިން އަތް ރަނގަޅަށް ދޮވެ ސާފު ކުރުން ވަރަށް މުހިއްމެވެ.

އެއަށްފަހު ދައުރުވާ ފެނުގައި، ކުޑަ ބުރުހެއް ބޭނުންކޮށްގެން ތަރުކާރީ އާއި މޭވާ ރަނގަޅަށް އުނގުޅާ ދޮވެސާފު ކުރާށެވެ.

ހަމައެހެންމެ ބޭކިން ސޯޑާ ބޭނުންކޮށްގެން ވެސް ތަރުކާރީ އާއި މޭވާ އަދި ފަތުގެ ބާވަތްތައް ސާފު ކުރެވިދާނެ އެވެ. އެގޮތުން ބޮޑު ތަށްޓަކަށް ފެން އަޅައި އެއަށް ކުޑަ ބޭކިންގ ޕައުޑަރު ކޮޅެއް އެއްކޮށްލާށެވެ.

އޭގެ ތެރެއަށް ތަރުކާރީ އާއި މޭވާ އަދި ފަތުގެ ބާވަތްތައް ލައި ކުޑަ އިރުކޮޅަކު ބަހައްޓާށެވެ. އެއަށްފަހު ބުރުހެއް ބޭނުންކޮށްގެން އެ ތަކެތި ސާފު ކޮށްލާށެވެ.

ތަރުކާރީ އާއި މޭވާ ރަނގަޅަށް ދޮވެ ސާފު ކުރުމަށްފަހު ސާފު ފޮތިކޮޅަކުން އެތަކެތި ހިއްކާލާށެވެ.

ތަރުކާރީ އާއި މޭވާ ކޮށުމަށް ބޭނުން ކުރާ ވަޅި ފަދަ ތަކެއްޗަކީވެސް ރަނގަޅަށް ދޮވެ ސާފުކޮށްފައި ހުންނަ ތަކެއްޗަށް ވާން ޖެހޭނެ އެވެ.