ކޮވިޑް ޖެހިގެން 57 އަހަރުގެ މީހަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މެންދުރު ފަހު 2:24ގައި މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ ދިވެހި ފިރިހެނެއް ކަމަށެވެ.

ރާއްޖޭގައި އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މީހަކު މަރުވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެއީ އުމުރުން 45 އަހަރުގެ ދިވެހި އަންހެނެކެވެ. މިމަހުގެ ތެރޭގައި މި ބަލީގައި މަރުވި ހަތަރުވަނަ މީހާ އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 35 ދިވެހިންނާއި 8 ބިދޭސީން މަރުވެފަ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ޖެހިގެން މީހަކު މަރުވެފައި ވަނީ އެޕްރީލް 30ގަ އެވެ. މިހާތަނަށް މިބައްޔަށް ޖުމްލަ 12،112 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 11،244 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި އަދިވެސް 820 މީހުން އެބަތިއްބެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު 30 އަށް ވުރެ ދަށުގައި ހުންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ.