ރާއްޖެއިން ކޮވިޑް-19 ޖެހުނު 45 ވަނަ މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހަރަކާތް ހުއްޓިގެން މިއަދު ހަވީރު އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެންދިޔަ އުމުރުން 72 އަހަރުގެ މީހަކު 6:36 ގައި މަރުވެފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ޕްރޮޓޮކޯލްގެ ދަށުން އެމީހާ ކޮވިޑް-19 އަށް ޓެސްޓުކުރިއިރު، ނަތީޖާ ޕޮޒިޓިވް ކަމަށެވެ. އޭނާ މަރުވީ ކޮވިޑް ޖެހިގެން ކަމަށް މިހާރު ވަނީ ނިންމާފަ އެވެ.

މިއީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މަރުވި ހަތަރު ވަނަ މީހާ އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ އާއި ރޭ ވަނީ ކޮވިޑް ޖެހިފައިވާ ޖުމްލަ ދެ މީހަކު މަރުވެފަ އެވެ.

ކޮވިޑްގައި ކައިރި ކައިރީގައި މީހުން މަރުވުމަކީ އެ ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެވޭނެ ކަމެއް ނޫން ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފަ އެވެ.