މިދިޔަ ފިތުރު އީދު ދުވަހު މާލޭގައި ހިންގި މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދު އިތުރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އަހުމަދު ޝިމްހާޒު އާއި ލޫތު އަހުމަދު އާސިފް އެވެ. އަދި އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފަ އެވެ.

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ޖަމާއަތް ހަދައިގެން އެކިކަހަލަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް މާރާމާރި ހިންގައި މުޖުތަމައުގައި ހަމަނުޖެހުން ހިންގާ މައްސަލައިގަ އެވެ. އެ މައްސަލައާ ގުޅިގެން އެ ދެމީހުންގެ އިތުރުން ފުލުހުން ވަނީ އިތުރު ހަތް މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

އެގޮތުން ތ. ތިމަރަފުށި، ސީނުގެ، އަހުމަދު ޝިމްހާޒާއި، ކ. މާލެ، މައުސޫމް މުޙައްމަދު ދީދީއާ، ސ. މަރަދޫ، ކޮރަލް، އަޙްމަދު ސާތިއު ހޯދަން ފުލުހުން އިއުލާނުކޮށްފައިވެ އެވެ. އަދި ކ. މާލެ. މ. ލޮނުމިދިލިގެ، ލޫތު އަހުމަދު އާސިފާއި، ގއ. ގެމަނަފުށި، ކެނެރީގެ، އަޙްމަދު ނާޒިހުގެ އިތުރުން ގއ. މާމެންދޫ، ގްލޭނޫރަންމާގެ، އަހުމަދު ރަބީ އާއި ސ. ހުޅުދޫ، ނާދީ، މުނާދު ޖައުފަރު ހޯދުމަށް ވެސް ފުލުހުން އިއުލާނުކޮށްފައިވެ އެވެ.

ފަހަކަށް އައިސް މާލޭގައި މުޖުތަމައުގެ އަމަން އަމާންކަން ނަގާލައި، މާރާމާރީތައް ހިންގުން ވަނީ އިތުރުވެފަ އެވެ.