އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއާއި ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ނުކުމެއްޖެ އެވެ.

ޗެއާޕާސަންގެ އިންތިހާބަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް ހިސާންއާއި ނަސީމް ކެމްޕެއިނަށް ވަޑައިގެންނެވީ ބ. އަތޮޅަށެވެ. އެގޮތުން ބ ތުޅާދު އާއި ހިތާދޫއަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރައްވާ އެ ދެ ރަށުގެ ގޭގެއަށް ޒިޔާރަތް ކުރައްވާ ފައްޔާޒަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވި އެވެ.

ހިސާންއަކީ ރައީސް މުހައްމަދު ނަޝީދުގެ ކުރީގެ ލޯޔަރެވެ. އަދި ރައީސް ނަޝީދާއި ހިސާންއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތެވެ.

ހެލްތް މިނިސްޓަރު ނަސީމަކީ ރައީސް ނަޝީދުގެ ބޮޑުބޭބޭފުޅެކެވެ.

ފައްޔާޒަށް ތާއީދު ހޯއްދެވުމަށް ހިސާން އާއި ނަސީމް ބ.އަތޮޅުގައި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނުން ވާދަކުރައްވާ މެމްބަރު އިމްތިޔާޒް ފަހުމީއާއި ފައްޔާޒް އާއި ދެމެދުވަނީ ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފަ އެވެ. އެގޮތުން ކެމްޕެއިންގެ ފޯރި ގަދަވެ ދެފަރާތުގެ މަސްރަހުވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބޮޑު ތާއީދެއް އޮތީ ފައްޔާޒަށެވެ.

އަންނަ ހޮނިހިރު ދުވަހު އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ވަޒީރުން ވެސް ފައްޔާޒަށް ތާއީދު ކުރަމުން ގެންދެ އެވެ.