އިންޑިއާ ބަޔަކު ދިރިއުޅޭ ފ. ދަރަނބޫދޫގެ ކުރީގެ މިސްކިތް ވާނީ އެރަށު ކައުންސިލާ ހަވާލުކޮށްފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ، އެރަށުގައި ބަންދުކޮށްފައިވާ މިސްކިތެއްގައި އިންޑިއާ ބަޔަކު ދިރިއުޅޭ ކަމުގެ މައްސަލައެއް ސޯޝަލްމީޑިއާގައި ފެންމަތިވުމުންނެވެ.

މިކަމާ ގުޅިގެން އެކި ފަރާތްތަކުން ވެސް ފާޑުކިޔުން އަމާޒުކޮށްފައިވާއިރު، މިނިސްޓްރީން މިއަދު ހަވީރު އާންމުކުރި ބަޔާނެއްގައި ބުނީ، ދަރަނބޫދޫގައި އަލަށް އާންމުކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުންކުރަން ފެށުމާއެކު ކުރިން އެރަށުގައި ބޭނުންކުރި އެ މިސްކިތް ބަންދުކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެ މިސްކިތުގައި ނަމާދު ނުކުރާތީ، މިސްކިތުގައި ގުރުއާން ކުލާހެއް ހިންގަން އެރަށު ކައުންސިލާއި ހަވާލުކުރެވިފައިވާނެ ކަމަށާއި، އޭގެ ފަހުން މިސްކިތުގައި ގުރުއާން ކްލާސް ހިންގި ކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބުނުކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ދަރަނބޫދޫ ކައުންސިލާއި އެ މިސްކިތް ހަވާލުކުރެވުނީ 2017 ވަނަ އަހަރު އެ މިސްކިތް ބަންދުކުރުމާއެކު ކަމަށެވެ.

އެ މިސްކިތުގައި 200 އެއްގައި އިންޑިއާ މީހުން ނިދާ ކަމަށްވެ އެވެ. އަދި މިސްކިތުގެ ބޭރުގައި އަންނައުނު އަޅާ މަންޒަރު ފެންނަ ކަމަށާއި، އެގޮތަށް އެކަން ވިޔަދީގެން ނުވާނެ ކަމަށް ގޮވާލާފައިވެ އެވެ.