ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ "ވިނަރެސް" ފްލެޓްތައް 6،000 އަށް ވުރެ ގިނަ މީހުން ބަލަން ޒިޔާރަތްކުރި ކަމަށް އެޗްޑީސީން ބުނެފި އެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އެޗްޑީސީގެ ސީނިއާ ސޭލްސް އޮފިސަ މާކެޓިން އެންޑް ސޭލް އާދަމް ވިޖުދާން ވިދާޅުވީ، ވިނަރެސް ފްލެޓްއާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުންނަށް މައުލޫމާތު ފޯރުކޯށްދީފައިވާ ކަމަށެވެ. އަދި ވިނަރެސް ފްލެޓްތައް 6،000 އަށް ވުރެ ގިނަ މީހުންނަށް ބަލާލުމުގެ ފުރުސަތު ދީފައިވާ ކަމަށާއި އެއީ ދުވާލެއްގެ މައްޗަށް 400 އެއްހާ މީހުން ކަމަށް ވިޖުދާން ވިދާޅުވި އެވެ.
ވިނަރެސް މި މަޝްރޫއުގައި ހިމެނެނީ 1،344 ފްލެޓެވެ. އެއީ 10 ޓަވަރެވެ.
މި މަޝްރޫޢުގައި މިހާރު ކުރަމުންދަނީ އެތަންތަނުގެ އެންމެ ފަހުގެ މަސައްކަތެވެ. މިގޮތުން ފްލެޓްތަކުގެ 95 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ. އެ މަޝްރޫޢުގެ ފްލެޓްތައް ވިއްކުމަށް އެޗްޑީސީއިން މިހާރުވަނީ ހުޅުވާލާފަ އެވެ. ފްލެޓްގަތުމަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކުރީގެ ސަރުކާރުން ތަރައްގީކުރި ވިނަރެސްގެ ފްލެޓްތައް ހަވާލުކުރާނީ ފްލެޓްތަކުގެ ހުރިހާ ފިނިޝިން މަސައްކަތްތައް ނިންމުމަށް ފަހު އެވެ. އެތަނުގައި މުޅިން ވެސް ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އެ ތަނުގެ ފްލެޓުތަކުގެ ބޮޑުމިން އުޅެނީ 883 އަކަފޫޓާއި 1،395 އަކަފޫޓާ ދެމެދު އެވެ.
މި މަޝްރޫޢުގެ ދަށުން ފްލެޓްތައް ތަރައްގީކޮށްފައިވަނީ ހަތަރު ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެ އެވެ.
ވިނަރެސްގެ ކޮންމެ ޓަވަރެއްގައި ވެސް ޕާކިން، ސެކިއުރިޓީ، ސީސީޓީވީ، ފަޔާ އެންޑް ސޭފްޓީ، ގާބޭޖް ޝޫޓް ހުރެ އެވެ. އަދި ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓު ވެސް ހުރެ އެވެ. މިއިން ކޮންމެ ޓަވަރެއްގެ ވެސް ފުރަތަމަ ދެ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ކޮމާޝަލް ސްޕޭސްގެ ގޮތުގަ އެވެ. އެހެންކަމުން މީހުން ދިރިއުޅޭ އެ ޕާޓްމަންޓްތައް ހުންނާނީ ތިން ވަނަ ފަންގިފިލާއިން ފެށިގެން މައްޗަށެވެ.
ކޮމާޝަލް ސްޕޭސްތަކުގައި ފިހާރަތަކާއި، އޮފީސްތަކާއި، ކެފޭ ރެސްޓޯރެންޓާއި، ޖިމްތަކާއި، އޭޓީއެމް ގާއިމުކުރަން ނިންމާފައިވެ އެވެ. އަދި ޑިމާންޑަށް ބަލާ އިތުރު ޚިދުމަތްތައް ވެސް ތަޢާރަފުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.