އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް ޑިޒްނީގެ މާވެލް ޔުނިވާސްގެ ފަސް ފިލްމަކަށް ސޮއި ކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހެރީ ސޮއި ކޮށްފައިވަނީ 100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި އެވެ. މިއެއްބަސްވުމާއެކު މާވެލް ސްޓޫޑިއޯއިން ގެނެސްދޭ ފަސް ފިލުމަކުން ހެރީ ފެނިގެންދާނެ އެވެ.

މީގެ ކުރިން ޑައިރެކްޝަންގެ ކުރީގެ ލަވަކިޔުންތެރިޔާ، 28،އަހަރުގެ ހެރީ ވަނީ ޑިޒްނީގެ މާވެލް ޔުނިވާސްގެ އެންމެ ބޮޑު އެއް ވިލަން ކަމަށްވާ ތޭނޮސްގެ ކޮއްކޮ "އީރޮސް"ގެ ރޯލުން ފެނިގެން ގޮސްފަ އެވެ. އެހެންކަމުން ކުރިއަށް ހުރި މާވެލް ފިލްމުތަކުގައި ހެރީ "އިރޮސް"ގެ ރޯލުން ފެނިގެންދާނެ އެވެ.

މާވެލް ސްޓޫޑިއޯސްގެ ރައީސް ކެވިން ފޭއިގޭ ވެސް ވަނީ މިދިޔަ ހަފްތާ ބަންދުގައި ސަން ޑިއޭގޯގައި ބާއްވާ ކޮމިކް ކޮންގައި ހެރީ ފެނިގެންދާނެކަން ކަށަވަރުކޮށްދީފަ އެވެ.

މާވެލްއިން ވަނީ "އެވެންޖާޒް"ގެ ދެ ފިލްމެއް ނެރުމަށް ނިންމާ އެ ފިލްމުތަކުގެ ނަންތައްވެސް ވަނީ އިއުލާނުކޮށްފަ އެވެ. އެގޮތުން ފުރަތަމަ ނެރުމަށް ހަމަޖެހިފައިވާ ފިލްމުގެ ނަމަކީ "އެވެންޖާޒް: ދަ ކަންގް ޑައިނަސްޓީ" އެވެ. މިފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ 2025 ވަނަ އަހަރުގެ މެއި މަހު އެވެ.

މާވެލްއިން ދެވަނަ އަށް އިއުލާނު ކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ނެރުމަށް ހަަމަޖެހިފައިވާ "އެވެންޖާޒް: ސީކްރެޓް ވޯ" އެވެ.

މިއީ މާވެލް ފޭސް 6 ގެ ދެވަނަ އަދި ތިން ވަނަ ފިލްމަކަށް ވާނެ ކަމަށް ވެސް ބުންޏެވެ. އެއީ ނޮވެމްބަރު 8، 2024 ގައި ރިލީޒްކުރާ ފެންޓަސްޓިކް ފޯ އެވެ.

މި އެވޭންޖާސް ފިލްމުތަކުންގެ މާބޮޑު ތަފުސީލެއް މާވެލްއިން އަދި ހާމަކޮށްފައިނުވެ އެވެ.