ހުޅުލެ އާއި މާލެއާ ދެމެދުގައި އަޅާފައިވާ ސިނަމާލެ ބުރިޖު ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނު 7:22 ހާއިރު އެވެ.

މި ހާދިސާ ހިނގިއިރު އެޑިންގީގައި ދެ މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން މެރިން ޕޮލިސްގެ ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ޑިންގީން ކަނޑުވި ދެމީހުން ސަލާމަތްކޮށްފަ އެވެ. ނަމަވެސް އެ ދެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، މާލެ ރާޅުގަނޑު ސަރަހަށްދަށް ބަންޑުން ޖަހާލީ "ބެންހާ-4" ނަމަކަށް ކިޔާ ޑިންގީއެއް ކަމަށެވެ. އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން އެ ޑިންގީ އެއްގަމަށް ގެނެސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ދުވަސްރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމާ ގުޅިގެން ކަނޑު ދަތުރުތައް ކުރާއިރު، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުންނާއި ކޯސްޓްގާޑުން ވެސް އިލްތިމާސްކޮށްފައިވެ އެވެ.

އެގޮތުން ދަތުރަކަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި، އެހެނިހެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.