މާ ގިނައިން ދަރިން ހޯދާ އާއިލާ ބޮޑުކުރުމަކީ މިހާރުގެ އަންހެނުން އެހާ ބޭނުންވާ ކަމެއް ނޫނެވެ. އިޖުތިމާއީ އަދި މާލީ ސަބަބުތަކަށްޓަކަ އެވެ. ނަމަވެސް އެމެރިކާގެ ކެރޮލީނާއަށް ނިސްބަތްވާ މި ދެމަފިރިންގެ ޚިޔާލު މުޅިން ތަފާތެވެ.

ޕެޓީ ހެރްނާންޑޭޒްއާއި އޭނާގެ ފިިރިމީހާ ކާލޮސްއަކީ އާއިލާ ބޮޑުކުރުމަށް އަޒުމު ކަނޑައަޅާ އެކަން ހަގީގަތަކަށް ހަދަމުން އަންނަ ދެމަފިރިންނެވެ. މިހާރުވެސް އެދެމަފިރިންގެ 16 ދަރިން ތިބިއިރު ޕެޓީ އިނީ އެދެމީހުންގެ 17 ވަނަ ދަރިފުޅަށް ބަލިވެ އެވެ.

ޕެޓީ ބުނިގޮތުގައި އޭނާއާއި ކާލޮސް 20 ކުދިން ހޯދަން ބޭނުންވާ ކަމަށާއި އިތުރު ތިން ފިރިހެން ކުދިންނާއެކު އެއާއިލާ ފުރިހަމަ ވާނެ ކަމަށެވެ.

"އަދި އިތުރު ތިން ފިރިހެން ކުދިން ހޯދަން ބޭނުން. އޭރުން 10 އަންހެން ކުދިންނާއި 10 ފިރިހެން ކުދިން ހަމަވާނެ" ޕެޓީ ބުންޏެވެ.

މިދިޔަ 14 އަހަރު ތެރޭގައި ޕެޓީ ވަނީ އަހަރު ދެކޮޅު ވިހާފަ އެވެ. އޭނާގެ އެންމެ ދޮށީ ދަރިފުޅުގެ އުމުރުން މިހާރު 14 އަހަރު ވެފައިވާއިރު އެންމެ ހަގު ދަރިފުޅުގެ އުމުރުން އަދި އަހަރު ނުވެ އެވެ. މިހާރު ބަލިވެ އިން ދަރިފުޅުގެ ދުވަސް ފުރެން އޮތީ އަންނަ މާޗު މަހު އެވެ.

ޕެޓީގެ ހުރިހާ ކުދިންނަށް "ކ" ފެށޭ ނަންތައް ކިޔާފައިވާއިރު މިއީ ކާލޮސްގެ އަގުވަަޒަން ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ޕެޓީ ބުނެ އެވެ.

ޕެޓީ އިތުރަށް ބުނީ އޭނާ ވިހަން ދާ ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންނަށް އޭނާ ފެނިދެނިވެ ދަސްވެފައިވާ ކަމަށާއި ކޮންމެ އަހަރަކު ވެސް އެމުވައްޒަފުން އޭނާއާ ބައްދަލު ކުރަނީ އުފަލާއެކު ކަމަށެވެ.