ފ. ބިލެއްދޫގައި ބުދު ހަދައިގެން ގެންގުޅުމާ ގުޅިގެން ހައްޔަރުކުރި ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ބިލެއްދޫގައި ބުދު ހަދައިގެން ގެންގުޅުނު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެރަށުގައި ފެނުގެ މަސައްކަތް ކުރަން އައިސްތިބި ބިދޭސީންތަކެކެވެ. އަދި އެމީހުން ބުދު ހިފައިގެން ހިނގާފައިދަނިކޮށް ނަގާފައިވާ ފޮޓޯއެއް މިމަހުގެ 2 ވަނަ ދުވަހު ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، އާންމުން ވަނީ އެކަން ވަގުތުން ވަގުތަށް ހުއްޓުވުމަށް ގޮވާލާފަ އެވެ. ހަމައެހެންމެ އެރަށު ކައުންސިލުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށަށް ގޮސް އެމީހުން ހައްޔަރުކުރި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ބުނިގޮތުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރާއި، 39 އަހަރާއި 37 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހުންގެ ބަންދާއި މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ، މި މައްސަލަ ދަނީ އިތުރަށް ތަހުގީގުކޮށް ބަލަމުން ކަމަށެވެ.

މިހާތަނަށް ފުލުހުންގެ ތަހުގީގުން އެނގިފައިވާގޮތުގައި އެ ބުދަކީ ބިދޭސީން އަމިއްލައަށް މަށިން ހަދައިގެން ކުލަ ޖައްސައި ތައްޔާރުކުރި އެއްޗެއް ކަމަށް ބިދޭސީން ބުނެފައިވެ އެވެ. އަދި މިހާރު އެ ބުދު ވަނީ ކަނޑުފައްތާފައި ކަމަށްވެސް އެނގިފައިވެ އެވެ.