ތެހްރާން (13 ސެޕްޓެމްބަރު) އިޒްރޭލުގެ ވެރިރަށް ތެލް އަވީވްއަށާއި ހައިފާއަށް ހަމަލާ ދޭން ހާއްސަކޮށްގެން ޑްރޯންއެއް އުފައްދާފައިވާ ކަމަށް އީރާނުން ބުނެފި އެވެ.

އީރާން އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވީ އެގައުމުން އަލަށް ތައްޔާރުކުރި ޑްރޯންއަކީ ވަކި ކަމަކަށް ހާއްސަކޮށްގެން ޑިޒައިން ކޮށްފައިވާ ޑްރޯންއެއް ކަމަށާއި އެހެން ކަމުން މިއީ ތަފާތު ޑްރޯންއަކަށް ވާނެ ކަމަށެވެ.

"އީރާނުގެ ކުރިއަށް އޮތް އަސްކަރީ ހަރަކާތްތަކުގައި މި ޑްރޯން ދައްކާލާނެ" އީރާނުގެ ގްރައުންޑް ފޯސަސްގެ ކޮމާންޑަރު ކިޔޮމާސް ހައިދަރީ ވިދާޅުވި އެވެ.

އިޒްރޭލަކީ ގައުމެއްގެ ގޮތުގައި އީރާނުން ބަލައިނުގަންނައިރު ދެގައުމުގެ ދެމެދުގައި މީގެ ކުރިން ވެސް ހަމަނުޖެހުންތައް ހިނގާފައި އެބަ ހުއްޓެވެ.

އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގެ މައްސަލާގައި އެގައުމަށް މާ ބޮޑަށް ދޫ ދެވިފައިވާ ކަމަށް އިޒްރޭލުން ބުނާއިރު އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން އެގައުމުން ތާއީދު ކުރެ އެވެ.

ހަމަ މިސަބަބަށްޓަކައި އެމެރިިކާއިން 2015 ވަނަ އަހަރު އެއްބަސްވުމާ ޚިލާފުވުމާއެކު އީރާނުން ވަނީ ނިއުކްލިއާ ހަރަކާތްތައް ވެސް ވަރުގަދަ ކޮށްފަ އެވެ. -- އަލް އަރަބިއްޔާ