ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އާއި ގުޅިގެން ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ޔާމީނުގެ މައްސަލަ ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:30 އަށެވެ.
އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑާކުރުމާއި ރިޝްވަތު ގަބޫލުކުރިކަމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާގައި ބުނެފައި ވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއް މިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ޔޫސުފް ނައީމް ދެއްވި ކަމަށެވެ.
އެ މައްސަލައިގެ ދައުލަތުން ވަނީ ޔާމީންގެ މައްޗަށް ކުށް ސާބިތުކުރުމަށް ހެކި ހުށަހަޅައި ނިންމައިފަ އެވެ. މިހާރު ކުރިއަށްދަނީ ޔާމީންގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅުމުގެ މަރުހަލާ އެވެ. އެންމެ ފަހުން ބޭއްވި ދެ ޝަރީއަތުގައި ވެސް ވަނީ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނަގައިފަ އެވެ.
އާރަށުގެ މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ދައުލަތުން ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ. އޭނާގެ ޝަރީއަތް ވެސް އާދިއްތަ ދުވަހުގެ ހެނދުނު 9:30 އަށް ކުރިމިނަލް ކޯޓްގައި ވަނީ ތާވަލުކޮށްފަ އެވެ.