ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒް ކުރަމުންދާ ބަންގްލާދޭޝްގެ އަލަމްގީރުގެ މައްޗަށް އުފުލި އޮރިޔާ ކާޑު ހެދުމުގެ 40 ދައުވާއަކަށް އިއުތިރާފު ވުމުން، އަވަސް ނިޔާގައި އަންނަ ބުދަ ދުވަހު އޭނާއަށް ހުކުމް ކުރަން ތާވަލްކޮށްފި އެވެ.

ގިނަ ދިވެހިންތަކަކާއެކު އަލަމްގީރް އެއްޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވީ މީގެ ތިން މަސް ކުރިންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރިން އުފުލި، އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަށް ވެސް އިއުތިރާފުވުމުން މިދިޔަ މަހު ވަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އަދި އެއްޖިންސުން ގުޅުންހިންގި މަންޒަރު ވީޑިއޯކުރި މައްސަލައިގައި، އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއެއް ވެސް ދައުލަތުން އަލަމްގީރުގެ މައްޗަށް އުފިލި އެވެ.

އެ މައްސަލައިގައި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި 40 ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފަ އެވެ. އެހެންވެ، ދެން އޮންނާނީ މައްސަލައިގައި ހުކުމް ކުރުމެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އަލަމްގީރުގެ މައްޗަށް އަވަސްނިޔާގައި ހުކުމް ކުރުމުގެ އަޑުއެހުން އަންނަ ބުދަ ދުވަހަށް ތާވަލްކޮށްފައިވާ ކަމަށެވެ.

އެ 40 ދައުވާއަށް އިއުތިރާފުވުމާއެކު އަދަބެއްގެ ގޮތުގައި އޮންނަނީ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އެންމެ ބޮޑު އަދަބަކަށްވެސް އަލަމްގީރުގެ މައްޗަށް އަންނާނީ އަންނާނީ ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ.

އަލަމްގީރުގެ ވީޑިއޯތަކުގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ވަޒީފާއެއްގައި ހުރި މ.ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު އަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި ނާޒިމް ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ހުކުމް ކުރިއިރު ރަފީއުގެ މައްޗަށް އިއްވީ އެއް އަހަރާއި ދެ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުވާ އެންމެންގެ މައްޗަށް ގާނޫނުލްއުގުބާތުގެ ދަށުން ދައުވާ ކުރިއިރު، ޖިންސީ ކުށުގެ ގާނޫނުގައި ވެސް އެއްޖިންސުން ގުޅުން ހިންގުން ކުށެއްގެ ގޮތުގައި އޮވެ އެވެ. އެ ގާނޫނުގެ ދަށުން، ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރަށް ޖަލަށް ލުމެވެ.