ދިވެހި ގިނަ ރައްޔިތުން މިއަދު ގަބޫލުކުރަނީ މިސަރުކާރަކީ ވަރަށް ކޮރަޕްޓް ސަރުކާރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ޚިތޯބުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލަކަށް ވިޔަސް ނުރުހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވި ވާހަކައަށް ރައްދު ދެއްވާ އުޝާމް ކުރެއްވި ޓްވީޓްގައި ވަނީ ކޮރަޕްޝަންގެ ދައުވާލިބޭ ފަރާތްތަކާ ބޮޑެތި ތުހުމަތުތަކުގައި ތަހުގީގުކުރެވޭ ފަރާތްތައް މިސަރުކާރުގެ އެންމެ އިސްމަގާމުތަކުގައި އެހާ ގިނައީ އެހެންވެތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އެ މައްސަލަތައް ނުބެލޭއިރު ގިނަ ރައްޔިތުން ގަބޫލުކުރަނީ މީ ވަރަށް ކޮރަޕްޓް ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވެގެންތޯ ކޮރަޕްޝަންގެ ދައުވާލިބޭ ފަރާތްތަކާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކުގަ ތަޙްޤީޤުކުރެވޭ ފަރާތްތައް މި ސަރުކާރުގެ ކެބިނެޓާއި ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގައި އެހާ ގިނައީ؟ ދިވެހި ގިނަ ރައްޔިތުން މިއަދު ގަބޫލުކުރަނީ މި ސަރުކާރަކީ ވަރަށް ކޮރަޕްޓް ސަރުކާރެއް ކަމަށް،" އުޝާމް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ މި ވާހަކަފުޅާ ގުޅިގެން އުޝާމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝާރީފް ވެސް ފާޑު ވިދާޅުވެފައިވެ އެވެ.
އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސްގެ މި ވާހަކަފުޅަކީ ހަމައެކަނި ހުސްވާހަކައެއްނޫންތޯ ސުވާލުކުރައްވާފަ އެވެ. އަދި މި ދައުރުގައި ހިނގި ވެންޓިލޭޓަރު ވައްކަމާއި އަދަދުނުކުރެވޭހާ ގިނަ ކޮރަޕްޝަން މައްސަލަތަކަށްވީ ކިހިނެއްތޯ ވެސް އޭނާ ސުއާލުކުރެއްވި އެވެ.
ކޮރަޕްޝަންގެ ކަންކަމުގައި މިސަރުކާރުން ދޭނީ "ޒީރޯ ޓްލަރެންސް" ކަމަށް ރައީސް ސޯލިހް ވިދާޅުވި ނަމަވެސް، އެކަން އެއީ ނަމަކަށް އޮތް ކަމެއް ކަަމަށް ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަމުން އަންނައިރު މިސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެއްގެ ގޮތުގައި އޮތް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އަދިވެސް އޮތީ ތަހުގީގު ނުކުރެވި އެވެ. އަދި ސަރުކާރުގެ އިސް ފަރާތްތަކާއި މެދުގައި ކޮރަޕްޝަން ތުހުމަތު ކުރެވިގެންދާއިރު އެކަމާ ރައީސް ސޯލިހު އަޅާނުލައި ހުންނަ ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.