ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި ދުވަސްވަރު، 2006 ގައި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގައި އިސް ދައުރެއް އަދާކުރެއްވި އަހުމަދު ތަސްމީން އަލީ ސިޔާސީ މައިދާނުން ގެއްލުނުތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ދާދި ފަހުން، މިދިޔަ ޖޫން މަހު، ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް، ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ސިޔާސީ ހަރަކާތަކުން ތަސްމީން ފެނިފައި ވަނީ މަދު ފަހަރަކު އެވެ.
ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރަނިން މޭޓެއްގެ ގޮތުން މަސައްކަތް ކުރެއްވި ތަސްމީނަކީ އެ ދުވަސްވަރު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ވަރުގަދަ އެއް ޝަހުސިއްޔެތެވެ. އެ ދުވަސްވަރު ވަރުގަދަ ވިޔަފާރިވެރިއެކެވެ.
ކެންދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ގިނަ އަހަރުތަކެއް ވަންދެއް ކުރެއްވުމަށް ފަހު، ރައީސް މައުމޫންގެ ސަރުކާރުގައި އެޓޯލްސް މިނިސްޓަރު އަދި ހޯމް މިނިސްޓަރު ފަދަ ބާރުގަދަ މަގާމުތައް އަދާކުރެއްވި ތަސްމީނަކީ ގިނަ ބަޔަކު ގަބޫލްކުރި ގޮތުގައި ކޮންމެވެސް ދުވަހަކުން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅެކެވެ. އެހެން ނަމަވެސް ޑީއާރުޕީގެ ތެރޭގައި އުފެދުނު ކޯޅުންގަނޑަށް ފަހު ޕާޓީ ބައިބައިވެ، ޕާޓީގެ ލަގަން ލިބިވަޑައިގަތް ނަމަވެސް ތަސްމީނުގެ ސިޔާސީ ހަޔާތް ދިޔައީ މަޑުމަޑުން ފަނޑުވަމުންނެވެ.
ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތަސްމީން ނުކުންނެވީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިން މޭޓެއްގެ ގޮތުގަ އެވެ. ނަމަވެސް މުޅި އިންތިޚާބުން ވެސް ލިބިވަޑައިގެންނެވި ފަސް ޕަސެންޓުގެ ލަދުވެތި ނަތީޖާއާ އެކު، އިންތިޚާބުގެ ދެ ވަނަ ބުރުގައި ތަސްމީން އިޚްތިޔާރު ކުރެއްވީ އޭނާގެ ސިޔާސީ ގާތް ރަހުމަތްތެރިން ވެސް ތިބި އެމްޑީޕީ އެވެ.
އެމްޑީޕީގައި ވެސް ތަސްމީނުގެ ސިޔާސީ މާބޮޑު ހަރަކާތްތެރިކަމެއް ފެނިފައި ނުވި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް 2018 ވަނަ އަހަރު ކުރެއްވި ކެމްޕޭނުގެ ތެރޭން ކޮންމެވެސް ވަރަކަށް ފެނުނެވެ. އިންތިޚާބު ރައީސް ސޯލިހު ކާމިޔާބު ކުރެއްވުމާ އެކު، ގައުމުތަކަށް ސަފީރުން ކަނަޑައެޅުއްވުމުގައި ތަސްމީނުގެ އަނބިކަނބަލުން އަދި މަޑުއްވަރީގެ ދާއިރާގެ ކުރީގެ މެންބަރު ވިސާމް އަލީ އަށް، މެލޭޝިއާގެ ސަފީރުކަން ދެއްވި އެވެ. އޭގެ ފަހުން އަނބިކަނބަލުންނާ އެކު ތަސްމީނު ވެސް، ވޭތުވެދިޔަ ހަތަރުވަރަކަށް އަހަރު ދިރިއުޅުއްވީ މެލޭޝިއާގަ އެވެ. ރާއްޖޭގެ ސިޔާސީ މައިދާނުން އެއްގޮތަކަށް ވެސް ފެނިފައެއް ނުވެ އެވެ.
މެލޭޝިއާގެ ސަފީރުކަމުން ވިސާމް އަލީ މިދިޔަ އެޕްރީލް މަހު އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން ދެން ފެނުނީ ސިންގަޕޫރުގައި ހުންނަވާ ސަފީރުގެ މަގާމަށް ތަސްމީން އައްޔަން ކުރެއްވި ތަނެވެ. އެހާތަނާ ހަމައަށް ވެސް ސިޔާސީ މައިދާނުން ތަސްމީނުގެ އަޑެއް އެއްގޮތަކަށް ވެސް ނީވެ އެވެ.
ދެން ކުއްލިއަކަށް ރޭ ފެނުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލުގެ ކެމްޕޭން ޖަގަހައިންނެވެ. އަހަރުތަކަަށް ފަހު ސިޔާސީ ޕޯޑިއަމަށް އަަރުއްވައި، ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ ސަބަބުތައް ވިދާޅުވެދެއްވި އެވެ.
ރައީސް ސޯލިހު ވެރިކަމަށް ގެންނަން ބޭނުން ވަނީ ރައީސް ޔާމީން އަބްދުﷲ ގައްޔޫމުގެ އަނިޔާވެރިކަމާއި ބޭއިންސާފާއި ކޮރަޕްޝަން އިޔާދަ ކުރަން ބޭނުން ނުވާތީ ކަމަށް ވިދާޅުވި އެވެ. އެދުވަސްވަރު އެމްޑީޕީން ހިންގި ސުލްހަވެރި ހަރަކާތްތަކުގައި އާއްމު ރައްޔިތުންނަށް ލިބުނު އަނިޔާ ދެ ވަނަ ފަހަރަށް ތަހައްމަލު ކުރަން ބޭނުން ނުވާތީ ކަމަށް ވިދާޅުވި އެވެ. ގިނަ ދުވަސްތަކަށް ފަހު، އެރުއްވި ސިޔާސީ ފުރަތަމަ ޕޯޑިއަމްގައި ބަހުގެ ހަމަލާތަކުގެ އަމާޒަކަށް، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށުގައި މިހާރު ޖަލުގައި އޮންނެވި ޔާމީން ހެއްދެވި އެވެ.
ރައީސް ސޯލިހާ އެކު މަޖިލީހުގައި ވިއްސަކަށް އަހަރު މަސައްކަތް ކުރައްވާފައިވާކަން ފާހަގަ ކުރައްވައި ތަސްމީން ވިދާޅުވީ އެމަނިކުފާނަކީ ވިސްނުން ތޫނު، ސިޔާސީ ހިކުމަތްތެރިއެއް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ދެމެހެއްޓޭނެ ފަދަ ލީޑަރަކީ ރައީސް ސޯލިހު ކަމަށްވާތީ އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
ދިގު މުއްދަތަކަށް ފަހު ސިޔާސީ މައިދާނުން ތަސްމީނު ފެނުމަކީ އެމަނިކުފާނުގެ ސިޔާސީ ސަޕޯޓަރުންނަށް ވެސް ލިބުނު ބޮޑު އުފަލެކެވެ. ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕޭން މެނޭޖަރަކީ ތަސްމީނުގެ ކޮއްކޯފުޅު މުހައްމަދު ނާޝިޒެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ވާތީ ތަސްމީނުމެން ދެން ގިނަގިނައިން ފެންނާނެ