ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ފެށުނީއްސުރެ ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެ ކަންކަން ހުރަަސްކޮށް، ފަސް އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކަށް ނުކޮށްދެވޭ ވަރުގެ މަސައްކަތްތައް ކޮށްދެވިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ކެނދިކުޅުދުއަށް ވަޑައިގެން އެރަށު އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ގޮންޖެހުންތަކާ އެކު ވެސް ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ފަތުރުވެރިކަމުގެ ދައިރާގެ ދަތުރުފަތުރުގެ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި ވާކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ކެނދިކުޅުދޫގައި ހިންގާ މަޝްރޫއުތަކަށް ވެސް އަލިއަޅުވައިލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ކެނދިކުޅުދޫގައި ފެނާއި ނަރުދަމާ އަޅަން ހަވާލުކުރީ، ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން ކަމަށާއި މަސައްކަތް ދިގުލައިގެން ގޮސް އަދި ވަނީ ނުނިމި ކަމަށެވެ. އަދި މިހާރު ފަށައިގެން ކުރިއަށްދާ މަސައްކަތްތައް ލަސްތަކެއް ނުވެ ނިންމަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކެނދިކުޅުދު އަކީ ބޮޑު ރަށެއް ކަމުން، މި ރަށުގައި މުސްތަގުބަލުގައި އާބާދީ ބޮޑުކުރެވޭނެތީ، ހިދުމަތްތައް ފުޅާކުރާނީ އެ ވިސްނުމުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނ. ހެނބަދޫ ވަނީ މީގެކުރިން ބާކީކޮށްލާފައި ކަމަށާއި އެރަށުން ވެސް މިހާރު ހުރިހާ އަސާސީ ހިދުމަތެއް ލިބޭނެ ކަމަށެވެ. އެގޮތުން، އެ ރަށުގައި ވެސް ފެނާއި ނަރުދަމާ އެޅުމުގެ އިތުރުން، ބަނދަރު ހަދާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ސްކޫލާއި ސިއްހީ މަރުކަޒު ހެދުމުގެ މަސައްކަތް ވެސް އެރަށުގައި ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއީ ކުޑަކުޑަ އާބާދީއަކަށް މި ސަރުކާރުން ކޮށްދިން ކަންކަން. މިއީ އިސްރާފެއް ނޫން. ސަރުކާރަކުން ރައްޔިތަކަށް ކޮށްދޭ އެއްވެސް ކަމަކީ އިސްރާފެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ކުރިއަށްއޮތްތަނުގައި ވެސް އެއްވެސް ރަށެއް ބާކީކޮށްނުލައި ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.