ކުރީގެ ވަޒީރު އިލްޔާސް އިބްރާހިމްގެ ކުރީގެ އަނބިކަނބަލުން، ކޮލިގޭ އައިޝަތު ނާސިރާ މިއަދު އަވަހާރަވެއްޖެ އެވެ.

މިއީ މިދިޔަ އެއްމަސް ދުވަހުގެ ތެރޭގައި ކޮލިގޭ އާއިލާއިން އަވަހާރަވި ދެވަނަ ބޭފުޅާ އެވެ. ނާސިރާގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ޑިރެކްޓަރު ޑރ. އިބްރާހިމް އުމަރު މަނިކު ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ސިންގަޕޫރުގައި އަވަހާރަވެފަ އެވެ.

ނާސިރާ އާއި އިލްޔާސް ވަރިވެވަޑައިގެންފައިވީ ނަމަވެސް، ނާސިރާ އާލާސްކަންފުޅާ އުޅުއްވާކަން އެނގިވަޑައިގެން އިލްޔާސް ވަނީ ކުއްލި ގޮތަކަށް ރޭ ރާއްޖެ ވަޑައިގެންފަ އެވެ.

އުމުރުފުޅުން 76 އަހަރުގައި ނާސިރާ އަވަހާރަވިއިރު، ދާދިފަހުން އާލާސްކަންފުޅާ އުޅުއްވާތީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވި އެވެ. ނާސިރާގެ ޖާނާޒާ އޮތީ މިއަދު މެންދުރު ނަމާދަށްފަހު އާ ސަހަރާގަ އެވެ.

ނާސިރާ އެއްބަފާ ބޭފުޅުންގެ ތެރެއިން އަލީ އުމަރު މަނިކު ވެސް ވަނީ 2015 ވަނަ އަހަރު އަވާހަރަވެފަ އެވެ.