މިއަދު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމަށް ބެހެއްޓި ބައެއް ފޮށިތައް ކައިރީގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ވޯޓު ފޮށިތަކެއް ފަޅާލައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުން އެ ވޯޓުފޮށި ހުރި މަރުކަޒުގައި ވަނީ މާރާމާރީއެއް ހިންގާފަ އެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސަނީފް ކަމަށް ބެލެވޭ މީހަކު ވެސް އުޅޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
ތިނަދޫގައި ބެހެއްޓި ވޯޓު ފޮށި ފަޅާލާފައިވާއިރު އެކަމާ ގުޅިގެން އެމްޑީޕީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ކުރިއަށްދާ މި ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.
"މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން. އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އަރުވަމެވެ." އެމްޑީޕީން ކުރެއްވި ޓްވީޓްގައި ވަނީ ބުނެފަ އެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިހާރު ކުރިއަށްދާ އެމްޑީޕީ ޕްރައިމަރީ ވޯޓު ލުމަށް ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައަކާއި ގުޅިގެން ގދ. ރަތަފަންދޫއިން ދެ މީހުން އަދި ގދ.ތިނަދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. ހައްޔަރުކުރި 3 މީހުންނަކީ ވެސް ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.
މި އިންތިހާބުގައި ވޯޓުލާ ލިސްޓުގައި ނަން ނެތް މީހުން ވޯޓުލުމާއި، މީހުންގެ ބަދަލުގައި އެހެން މީހުން ވޯޓުލުންފަދަ މައްސަލަތަކެއް އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ގައްދޫގައި "ބޮޑީ ކެމެރާ" ހަރުކޮށްގެން ވޯޓުލީ ކަމަށްބުނެ ވޯޓުލާ މަރުކަޒުގައި ވަނީ ހަމަނުޖެހުން ހިންގާފަ އެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށެވެ.
މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެ އެވެ.