އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީއަށް ފަހު ފުރަތަމަ ފަހަރަށް އެ ޕްރައިމަރީގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެއްތަނަކުން ބައްދަލުވެވަޑައިގެންފި އެވެ.

ދެ ރައީސުން ބައްދަލު ކުރައްވައި ސަލާމް ކުރެއްވީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ދެ ރައީސުން ބައްދަލުވި ފުރަތަމަ ހަފްލާގައި ސަލާން ކުރެއްވުމުގެ އިތުރުން އެހެން މާބޮޑު މުއާމަލާތެއް ނުކުރައްވާކަން ނޫސްވެރިންނަށް ފާހަގަކުރެވުނެވެ. ދެ ބޭފުޅުން ތިއްބެވީވެސް ދެ މޭޒުކޮޅުގަ އެވެ. ރައީސްގެ މޭޒުކޮޅުގައި އިންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. ރައީސް ނަޝީދު އިންނެވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްއާއި އެއް މޭޒުކޮޅެއްގަ އެވެ.

އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދި ވަނީ ވަރަށް ބޮޑަށް ބައިބައިވެފަ އެވެ. އެގޮތުން ޕްރައިމަރީއަށްފަހުވެސް އެ ނުތަނަވަސްކަން އެބަ އޮތެވެ. ޕްރައިމަރީގައި ރައީސް ސޯލިހު ކާމިޔާބު ކުރެއްވުމުން ރައީސް ނަޝީދުވަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރާ ވަޑައިނުގަންނަވާނެކަން ހާމަކުރައްވާފަ އެވެ. އަދި "ފިކުރެއްގެ ދިރުން" ގޮފިތައް ހިންގަވާނީ އެމްޑީޕީގައި ހުންނަވައިގެން ކަމަށް ވިދާޅުވި އެވެ.