އއ. މަތިވެރިން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެނގިފައިވާގޮތުގައި ގެއްލިގެން ހޯދަނީ އެ ރަށު ރިވެލި، ހަސަން އަލީ (ހަސަންފުޅު) އެވެ.

މިކަމާ ގުޅިގެން މަތިވެރީގެ ކައުންސިލުން ބުނީ ވީނުވީ ތަނެއް ނޭނގި ހަސަން ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެ ކައުންސިލަށް ރަސްމީކޮށް ލިބުނީ މިއަދު ހެނދުނު 10 ޖަހާއިރު ކަމަށެވެ.

އެ ރަށު މީހަކު ބުނިގޮތުގައި، އުމުރުން 65 އަހަރުން މަތީގެ ހަސަންފުޅު އެންމެފަހުން ފެނުނު ކަމަށް ވަނީ ރޭ މަގްރިބް ނަމާދުން ފޭބި ވަގުތުގަ އެވެ. އޭނާ އަކީ ދާ އަޅައިގެން މަސް ހިފަން އާންމު ގޮސް އުޅޭ މީހެކެވެ.

ކައުންސިލުން އިތުރަށް ބުނީ އޭނާ ހޯދުމުގެ މަސައްކަތަށް މިހާތަނަށް އެއްވެސް ކާމިޔާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންގެންދާ ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.

ކައުންސިލުން ވަނީ މި މިހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން އެ ކައުންސިލަށް އެންގުމަށް އެދިފަ އެވެ.

ހަސަންފުޅު ގެއްލިގެން ހޯދަމުންދަނީ ރޭ ގެއަށް ނިދަން ނާންނަކަމަށް އޭނާގެ އާއިލާއިން ކައުންސިލަށް ރިޕޯޓުކުރުމުން ކަމުގައި އެ ކައުންސިލުން ބުނެފައިވެ އެވެ.