ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީތަކާ އެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ އެކު މަޝްވަރާ ކުރުމުގެ ބާރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދީފިއެވެ.
މިގޮތަށް އެމްޑީޕީން ނިންމާފައިވަނީ އިއްޒުއްދީން ސުކޫލްގައި މިރޭ ބޭއްވީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ހަތް ވަނަ ބައްދަލުވުމުގައެވެ.
ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހު އަށް ދިނުމަށް ބޮޑު އަޣުލަބިއްޔަތަކުން ވަނީ ފާސްކޮށްފަ އެވެ.
ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހުއަށް ދިނުމަށް 81 މެމްބަރުން ވޯޓު ދެއްވާފައި ވާއިރު އެއްވެސް ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރުން ތިއްބެވި އެވެ.
އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ ބާރު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ދިނުމަށް މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުން ފާސްކޮށްފައިވާއިރު އެ ޖަލްސާއަށް ރައީސް ނަޝީދަށް ތާއިދު ކުރައްވާ އެއްވެސް މެމްބަރަކު ވަޑައިގެންފައެއް ނުވެ އެވެ. ރައީސް ނަޝިދުގެ ފެކްޝަނުން ވަނީ މިރޭގެ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް އެމްޑީޕީ އިސްވެ އޮވެގެން، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމް ގުޅިގެން ކޯލިޝަން ހެދީ މިދިޔަ ރިޔާސީ އިންތިހާބަށެވެ.
އެއް ޕާޓީއަކުން އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައިވާއިރު، އެމަނިކުފަނުގެ ވިސްނުންފުޅު ހުރީ މިފަހަރު ވެސް ކޯލިޝަނަކުން ވެރިކަން ކުރެއްވުމެވެ.
ކޯލިޝަނަކާ އެކު ވެރިކަމަށް ވަޑައިގަންނަވާ ވިސްނުންފުޅު ރައީސް ސޯލިހު ގެންގުޅުއްވި ނަމަވެސް ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިގޮތެއް ނިންމުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ހުކުރު ދުވަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ. އަދި އަދާލަތު ޕާޓީން ވެސް، އެމްއާރުއެމް އިންވެސް ކޯލިޝަނަކާ މެދު ވަކި ގޮތަކަށް ނުނިންމަ އެވެ.
މީގެ ކުރިން ވެސް ކޯލިޝަން ހަދައިގެން ވެރިކަމަށް އައި ނަމަވެސް ދައުރުގެ މެދު ތެރެއިން ވަނީ ކޯލިޝަން ރޫޅާލައިފަ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ދައުރުގެ މިހާތަނަށް ވަނީ ކޯލިޝަން ދަމަހައްޓައިފަ އެވެ.
ހެއް ހެއް ނޯ މޯ އެމް.ޑީ.ޕީ އޮންލީ ފިކުރު