ޒުވާން އުމުރުގައި އިސްތަށިގަނޑު ނުރަވަނީ ހެއްޔެވެ؟ ނުރަތައް ގިނަވުމުން ކަމަށް ބުނެ އިސްތަށިގަނޑުގައި އާޓިފިޝަލް ކުލަ ޖައްސަން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ މި ބަލާލަނީ އިސްތަށިގަނޑުގެ ގުދުރަތީ ކުލަ ދަމަހައްޓަން ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ހީނާފަތާއި ކޮފީ
ތެއްޔެއްގައި ފެންފޮދެއް ކައްކާލުމަށްފަހު އެއަށް ކޮފީކޮޅެއް އަޅާށެވެ. ކައްކާލަން އިރުކޮޅަކު ބަހައްޓާފައި ރަނގަޅަށް ކެކުމުން އުނދުން މަތިން ބާލައި ހިހޫ ވަންދެން ބަހައްޓާށެވެ. ދެން ފުނޑާފައި ހުރި ހީނާފަތް ނުވަތަ ހީނާފަތް ޕައުޑަރު އަޅައިގެން ޕޭސްޓްގަނޑެއް ތައްޔާރު ކުރާށެވެ. ގަޑިއެއްހާއިރު ބަހައްޓާފައި ތެޔޮ ސަމުސަލެއް އެއަށް އެއްކުރާށެވެ. ކޮންމެ ވައްތަރެއްގެ ތެލެއް ވެސް ރަނގަޅުވާނެ އެވެ. ރަނގަޅަށް މިކްސް ކުރުމަށްފަހު އިސްތަށިގަނޑާއި ބޮލުގައި ހާކާށެވެ. ގަޑިއެއްހާއިރު ބަހައްޓާފައި ދޮވެލާށެވެ.
އާމަންޑް ތެލާއި ލުނބޯ
ބޯތަށްޓަކަށް އާމަންޑް ތެޔޮފޮދަކާއި ލުނބޯ ހުތް އަޅާށެވެ. ކޮންމެ ތިން ސަމުސާ ތެޔޮފަދަށް އަޅާނީ ދެ ސަމުސާ ލުނބޯ ހުތެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑުގައި ހާކާށެވެ. ތިރީހަކަށް މިނިޓް ބަހައްޓާފައި ޝޭމްޕޫ ބޭނުން ކޮށްގެން ދޮންނާށެވެ.
ހިކަނދިފަތާއި ކާށިތެޔޮ
ތެއްޔަކަށް ހިކަނދިފަތް ކޮޅަކާއި ފެންފޮދެއް އަޅާފައި ކައްކާލާށެވެ. ރަނގަޅަށް މަޑުވުމުން ފެންފޮދު ފުރާނާލައި ކާށިތެޔޮފޮދެއް އަޅާފައި އިރުކޮޅެއް ވަންދެން ކައްކާށެވެ. ހިހޫވުމުން އިސްތަށިގަނޑާއި ބޮލުގައި ރަނގަޅަށް އުނގުޅާށެވެ. ނިދާ ގަޑީގައި އުނގުޅާފައި ހެނދުނު ހޭލައިގެން އިސްތަށިގަނޑު ދޮވެލުމުން ރަނގަޅުވާނެ އެވެ.