ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ސަލްމާން ޚާނާއި ސާހުރުކް ޚާން އެކުގައި ފެނިގެންދާ ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިފިލްމު ވެގެންދާނީ 30 އަހަރަށް ފަހު ލީޑު ރޯލުން ސަލްމާނާއި ސާހުރުކް ޚާން ފެނިގެންދާނެ ފިލްމަށެވެ. އަދި މިފިލްމު ގެނެސްދިނުމަށް މަސައްކަތް ކުރަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިންނެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމަކީ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ޕަތާން" ގައި ޝާހްރުކް ކުޅުން ޕަތާން ކެރެކްޓާ އާއި "ޓައިގާ" ސީރީޒްގައި ސަލްމާން ކުޅޭ ޓައިގާގެ ކެރެކްޓާގެ ކުރިމަތިލުންތަކެއް ދައްކުވައިދޭ ގޮތަށް ހަދާނެ ފިލްމެއް ކަމަށެވެ. އެގޮތުން ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ މިހާރު "ޕަތާން" ގެ ސްކްރީން ރައިޓަރު ޝްރީދާރް ރަގްވަންއާ ގުޅިގެން ސްކްރިޕްޓެއް ލިޔަމުން އަންނަ ކަމަށާއި އޭގެ ފުރަތަމަ ޑްރާފްޓް ވެސް މިހާރު ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސަލްމާނާއި ސާހުރުކް ޚާން ފެނިގެންދާނެ ފިލްމެއް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ސާހުރުކްގެ "ޕަތާން" އިން ސަލްމާން ވަނީ ހާއްސަ ފެނިލުމަކުން ފެނިގެން ގޮސްފަ އެވެ. އަދި މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާންގެ "ޓައިގާ 3" ގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ވެސް ފެންނާނެ އެވެ.

ޝާހްރުކާއި ސަލްމާން އެކީގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި 1995 ގެ "ކަރަން އަރުޖުން" އާއި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ގެ އިތުރުން 2002 ގެ "ހަމް ތުމާރޭ ހޭ ސަނަމް" ހިމެނެ އެވެ.