ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންއަށް ޓީވީ ޝޯތައް ހުށައަޅައިދޭން ނޭނގޭ ކަމަށާއި ޝާހުގެ ހުށައަޅައިދިނުން ވަރަށް "ފޭކު" ކަމަށް އަރުބާޒް ޚާން ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަރުބާޒް ވަނީ ސޮނީ ޓީވީއިން ދުރަށް ދައްކާ ކޯން ބަނޭގާ ކްރޯރްޕަތީގެ ތިންވަނަ ސީޒަންގައި ޝާހުގެ ހުށައަޅައިދިނުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން އެ ޝޯގެ އާއްމު ހުށައެޅުންތެރިޔާ އަމީތާބު ބައްޗަންއާއި ގާތްވެސް ނުކުރާ ކަމަށާއި ޝާހުގެ ކިބައިގައި ހުށައަޅައިދިނުމުގެ ހުނަރުތައް ނެތް ކަމަށް ވެސް އަރުބާޒު ވަނީ ބުނެފަ އެވެ.

އަރުބާޒު ވަނީ ޝާހުގެ ހުށައެޅުން އޭނާގެ ބޭބެ ސަލްމާން ޚާންއާ ވެސް އަޅާކިޔާފަ އެވެ. ސަލްމާނާއި އަމީތާބްގެ ފިލްމީ ކެރިއަރު ފަނޑުވުމަށްފަހު ވެސް ޓީވީ ޝޯ ހުށައަޅައިދިނުމުގައި ކާމިޔާބު ހޯދާފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމުގައި ޝާހްރުކް ނާކާމިޔާބު ވެފައިވާ ކަމަށް އަރުބާޒު ބުންޏެވެ.

2007 ވަނަ އަހަރު ސޮނީއިން ދެއްކި ކޯން ބަނޭގާ ކްރޯރްޕަތީގެ ތިންވަނަ ސީޒަންގެ ހުށައެޅުންތެރިއެއްގެ ގޮތުގައި ޝާހްރުކް ފެނިގެން ދިޔައިރު އެ އަހަރު އެ ޝޯގެ ރޭޓިންތައް ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.

އަރްބާޒްގެ އިންޓަވިއުގައި އޭނާވަނީ އޭނާގެ ކުރިއަށް އޮތް ޗެޓް ޝޯވްއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ޓީވީ ޝޯއެއް ހުށައަޅައިދިނުމަކީ ތަފާތު ތަޖްރިބާއަކަށްވާނެ ކަމަށް އަރްބާޒް ބުންޏެވެ.