ކޮއްކޮ ސަލްމާން ޚާން އޭނާއަށް ވުރެ ކާމިޔާބު ވިޔަސް އެކަމާމެދު ލަދުނުގަންނަ ކަމަށް ބޮލީވުޑްގެ ތަރި އަރުބާޒް ޚާން ބުނެފި އެވެ.

މީޑިއާތަކަށް އެންމެ ފަހުން ދިން އިންޓަވިއުއެއްގައި އަރްބާޒް ވަނީ ފިލްމީ ދާއިރާގައި އޭނާއަށް ވުރެ ސަލްމާން ކާމިޔާބުކަމަށް އެއްބަސްވެފަ އެވެ. އަދި އެއީ ލަދުގަންނަން ޖެހޭ ކަމެއް ނޫން ކަމަށާއި ސަލްމާނަށް ލިބިފައިވާ މަޝްހޫރު ކަމާއި މަގްބޫލުކަމަށް އުފާކުރާ ކަމަށް ބުނަމުން އޭނާ އިތުރަށް ބުނީ އެއީ އާއިލާގެ އެއްވެސް މީހަކު ހަސަދަވެރިވާ ކަމެއް ނޫން ކަމަށެވެ.

"އާއްމުންގެ ހިތްތަކުގައި އަހަންނަށް ދެވިފައި އޮތް މަގާމު އަހަންނަށް އެނގޭ،" ސަލްމާން ޚާންގެ ބޭބެގެ ނަމުން ގިނަފަހަރަށް މުހާތަބު ކުރެވޭ އަރުބާޒު ބުންޏެވެ.

އަރްބާޒް ވަނީ އޭނާ ހުށައަޅައިދެމުން އަންނަ ޗެޓް ޝޯވްގައި ސަލްމާނަށް ލިބުނު ވަރުގެ މަޝްހޫރުކަން އޭނާއާއި ސުހައިލް ޚާންއަށް ނުލިބުމުން އެކަމާމެދު ކަންބޮޑުވޭތޯ ބައްޕަ ސާލިމް ޚާނާ ސުވާލު ކޮށްފަ އެވެ.

އެއްބަނޑު އެއްބަފާ ތިން ބެއިން ކަމަށްވާ އަރުބާޒް ޚާން، ސަލްމާން ޚާން އަދި ސުހައިލް ޚާން ވެސް ބޮލީވުޑްގެ ފިލުމުތަކުން ވެސް ފެނުނު ނަމަވެސް އެންމެ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ ސަލްމާނަށެވެ.

ސަލްމާންގެ ކާމިޔާބީގެ ފަހަތުގައި ފޮރުވި އަރްބާޒާއި ސުހައިލްއަށް އެ ދާއިރާއިން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ގިނަ ބަޔަކު ބުނެ އެވެ.