ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ކައިވެންޏަކީ ގިނަ ބަޔަކު މިހާރުވެސް ވާހަކަ ދައްކަމުން އަންނަ މައުޟޫ އެކެވެ. އޭނާއަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ "އެލިޖަބަލް ބެޗެލާ" އެވެ.

އުމުރުން 50 އަށްވުރެ މައްޗަށް ގޮސްފައިވާ ސަލްމާން މިހާތަނަށް އެއްވެސް ކައިވެންޏެއް ކޮށްފައިނުވާއިރު އެކި ދުވަސްވަރު އެކި ތަރިންނާ ގުޅުވައިގެން ސަލްމާންގެ ކައިވެނީގެ ވާހަކަ ދެކެވުނެވެ.

އެގޮތުން ސަލްމާންގެ ކައިވެންޏާ ގުޅުވައިގެން އަޑުއެރި ތަރިންގެ ތެރޭގައި ސަންގީތާ ބިޖްލާނީ، ސޮނާލީ ބެންޑްރޭ އަދި ކެޓްރީނާ ކައިފް ހިމެނެ އެވެ. އެ ލިސްޓަށް އެންމެ ފަހުން އިތުރުވެފައި މިވަނީ 90ގެ ތަރި ޖޫހީ ޗާވްލާ އެވެ.

އިންޓަނެޓްގައި ދައުރުވަމުން އަންނަ ކުރީގެ ވީޑިއޯއެއްގައި ސަލްމާން ވަނީ ޖޫހީއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ޖޫހީއަކީ ވަރަށް ރީތި އަދި ސާދާ ކުއްޖެއް ކަމަށާއި ޖޫހީގެ ކައިވެންޏަށް އެދި އޭނާގެ ބައްޕައަށް ހުށައެޅި ނަމަވެސް އެކަމަށް އިންކާރު ކޮށްފައިވާ ކަމަށް ސަލްމާން ބުނެ އެވެ.

އެއީ ކީއްވެގެންތޯ ސުވާލު ކުރެވުމުން ސަބަބެއް ބުނަން ނޭނގޭ ކަމަށާއި ޖޫހީއަށް ކަމުދާ މީހަކަށް ނުވީ ކަމަށް ވެދާނެ ކަމަށް ސަލްމާން ލަދުރަކި ކަމާއެކު ބުނެ އެވެ.

1995 ވަނަ އަހަރު ޖޫހީ މުމްބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖޭ މެހްތާއާ ކައިވެނިކުރި އިރު އެ ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ.