ރޭގަނޑު ބިރުވެރި ހުވަފެން ފެނޭ ހެއްޔެވެ؟ އެކަމުގެ ސަބަބުން ނިދަން އުނދަގޫވޭ ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ ތިބާގެ ހަޔާތުގައިހުރި ކަންކަމަށް ނަޒަރު ހިންގާލުން ރަނގަޅުވާނެ އެވެ. އެފަދަ ބައެއް ކަންކަމަކީ ބިރުވެރި ހުވަފެން ފެންނަން މަގުފަހިވާ ކަންކަމަށް ވެދާނެ އެވެ.

ބިރުވެރި ހުވަފެނަކީ ކޮންމެ އުމުރުފުރައެއްގެ ކޮންމެ މީހަކަށް ވެސް ފެނިދާނެ އެއްޗެކެވެ. ބިރުވެރި ހުވަފެން ފެނުން ވަކި އުމުރަކަށް ނުވަތަ ޖިންސަކަށް ގިނަ ކަމަށް ދިރާސާތަކުން ދައްކާފައެއް ނެތެވެ. ނަމަވެސް ދިރިއުޅުމުގެ ބައެއް ކަންކަމުގެ ސަބަބުން ބިރުވެރި ހުވަފެން ފެނުން އިތުރުވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ސްޓްރެސް

އާއްމު ދިރިއުޅުމުގައި ހާސްވާ ނުވަތަ ސްޓްރެސްއާ ކުރިމަތިލާން ޖެހޭ ކަންތައްތައް ގިނަވުމަކީ ބިރުވެރި ހުވަފެން ފެނުން އިތުރުވާ ކަމެކެވެ. ސަބަބަކަށް ވަނީ ސިކުނޑީގެ ނަފުސާނީ ދުޅަހެޔޮކަމަށް މިފަދަ ކަންކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރުމެވެ.

މާޒީގައި ހިނގާފައިވާ ހިތްދަތި ހާދިސާތައް

މާޒީގައި ކުރިމަތިބި ހިތްދަތި ތަޖުރިބާތައް ނުވަތަ އަނިޔާތަކުގެ ސަބަބުން ވެސް ބިރުވެރި ހުވަފެން ފެނުން ގިނަވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. މިފަދަ ތަޖުރިބާތަކަކީ އެކަމުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަމަށް ވާތީ ބިރުވެރި ހުވަފެން ފެނުމުގެ ފުރުސަތު ބޮޑުވެ އެވެ.

ބިރުވެރި ފިލްމުތަކާއި ވާހަކަތައް

ނިދުމުގެ ކުރިން ބިރުވެރި ފިލްމުތައް ބެލުމާއި ވާހަކަތައް ކިޔުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް މިއީ ސިކުނޑީގައި ބިރުވެރި ޚިޔާލުތައް ދައުރުވެ ބިރުވެރި ހުވަފެން ފެނުން ގާތްކޮށްދޭ ކަމެކެވެ.