މި މާލޭގައި އުޅެން ޖެހިފައިވާ ގޮތުން ކޮންމެ އާއިލާއެއް ވެސް ދިރިއުޅެން މިޖެހެނީ ނިސްބަތުން ޖާގަ ކުޑަ ތަންތަނުގަ އެވެ. އާއިލާގެ ގިނަ މެމްބަރުންތަކެއް ކުޑަ ޖާގައެއްގައި އެހެން އުޅެން ޖެހުމަކީ ތަނުގެ ޖާގަ އިތުރަށް ކުޑަ ކަމުގެ އިހުސާސް ކުރުވާ ކަމެކެވެ.
އެހެން ނަަމަވެސް ކޮށްލެވޭ ކުޑަކުޑަ ކަމަކުން ހަމަ އެ ތަނަކީ ޖާގަ ތަނަވަސް ތަނެއް ކަމުގައި ހެދިދާނެ އެވެ. ބޭނުންވަނީ އިންޓީރިއާ ޑިޒައިނިންގެ ދެތިން އުކުޅެކެވެ.
ލައިޓިން
އެންމެ މުހިއްމު އެއް ކަމަކީ ތަނުގައި ބޭނުންކުރާ ލައިޓިން އެވެ. އެގޮތުން އެންމެ މަދުވެގެން އަލިގަދަ ތިން ބޮކި ބޭނުން ކުރަން ޖެހޭނެ އެވެ. މީގެ އިތުރުން އަލި މަޑު އެއް ބޮކި ހުރުމަކީވެސް ކޮޓަރި އިތުރަށް ޒީނަތްތެރިކޮށްދޭނެ ކަމެވެ. އަލިގަދަ ބޮކި ބޭނުން ކުރުމުން ޖާގަ ކިތަންމެ ކުޑަ ނަމަވެސް ދައްކުވައިދޭނީ ވަރަށް ހުޅުވިފައިވާ ބޮޑު ތަނެއްގެ ގޮތުގަ އެވެ.
ފާރާއި ތަޅުމުގެ ކުލަތައް
ސާފު ހުދު ކުލައިގެ ބަދަލުގައި އޮފް ފާރުގައި ވައިޓް ނުވަތަ އެގްޝެލް ވައިޓް ފަދަ ހުދު ކުލައިގެ އެހެން "ޝޭޑެއް" ބޭނުން ކުރުމަކީ ތަނުގެ ތަަނަވަސްކަން އިތުރުކޮށްދޭ ކަމެކެވެ. އެއާއެކު ގަދަ ކުލައެއްގެ މުށްޓެއް ނުވަތަ ރަގްއެއް ތަޅުންގަނޑުގައި ބޭނުން ކުރެވިދާނެ އެވެ.
ފަރްނީޗަރު
މާ ގިނައިން ފަރުނީޗަރު ވެއްދުމަކީ ތަނެއްގެ ޖާގަ ކުޑަކުރުވާ ކަމެކެވެ. އޭގެ ބަދަލުގައި ގެންގުޅެންވީ "މިނިމަލް ލުކް" އެކެވެ. ފިހާރަތަކުން ލިބެން ހުންނަ ފަރްނީޗަރުގެ ބަދަލުގައި ތަނުގެ ޖާގައަށް ބަލައިގެން ފަރުނީޗަރު ޖަހައި ބޭނުން ކުރެވިދާނެ އެވެ. ފަރްނީޗަރު ޚިޔާރު ކުރާއިރު ވެސް ފާރުތަކުގެ ކުލައާ ކޮންޓްރާސްޓް ވާފަދަ އަލި ކުލައެއް ރަނގަޅުވާނެ އެވެ.
މީގެ އިތުރުން ގޭގެ ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.. އެއީވެސް ކުޑަތަނެއް ނަމަ ބޮޑުކަމަށް ދައްކައިދޭނެ ކަމެކެވެ.