ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަކީ "ވަގެއް" ކަމަށް ބުނެ އެންޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ ކުރި ޓްވީޓްއަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ނިންމާފައިވާކަން ހާމަވެއްޖެ އެވެ.

މުޣުނީ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ވަނީ ރައީސް ސޯލިހް ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް އައްޔަން ކޮށްފައިވަނީ އެ ކުންފުނިތައް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކޮރަޕްޓް ބައެއް ކަމަށެވެ.

"ހިންނަވަރު ވަގު އިބްރާހިމްބެ ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް އައްޔަން ކޮށްފައިވަނީ އެ ކުންފުނިތައް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކޮރަޕްޓުވެފައިވާ ވަގުންގެ ޓީމެއް،" ކަމަށް މުޢުނީގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް މުޢުނީ ވަނީ އެ ޓްވީޓް ވަގުތުން ޑިލީޓްކޮށްފަ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މުޣުނީ ރައީސް ސޯލިހުއާ މެދު ކުޑައިމީސްކޮށް މުހާތަބުކޮށް ޓްވީޓް ކުރެއްވުމުން، އެ މައްސަލަ ބަލަމުން އަންނަނީ ބަލަމުންނެވެ.

މުޢުނީ އަކީ މިހާރު ސަރުކާރުގައި އޮތް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމަގާމުގައި ހުންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ރައީސް ސޯލިހުއަށް ތާއީދުނުކޮށް ވަކިން އިންތިހާބުގައި ވާދަކުރުމަށް ނިންމާފަ އެވެ.

މުޣުނީގެ އެޓްވީޓް އާއެކު އެމްޑީޕީގެ ގިނަ ބަޔަކު ވަނީ މުޣުނީ މަގާމުން ވަކިކުރުމަށް ގޮވާލަފަ އެވެ.