ރާއްޖެއިން މި އަހަރު ހައްޖަށްދާ މީހުން ޖޫން މަހުގެ 12 ވަނަ ދުވަހު ފުރާގޮތަށް ހަމަޖެހިއްޖެ އެވެ.
އަންނަ މަހު 12 ވަނަ ދުވަހު ފުރާގޮތަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރެޝަން އިން ހައްޖަށްދާ މީހުންނެވެ. ޖޫން 12 ވަނަ ދުވަހު 296 މީހުން ހައްޖަށް ދިއުމަށް ފުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަންގެ އިތުރުން ތިން ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ.
އެއީ އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ގުރޫޕަށާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕް އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އެވެ.
އަލް ހަރަމައިން ގުރޫޕުން ހައްޖަށް ދިއުމަށް އަންނަ މަހުގެ 16 ވަނަ ދުވަހު 87 މީހުން ފުރާގޮތަށް ވަނީ ހަމަ ޖެހިފައެވެ. ސިސިލްފަރު ހައްޖު ގުރޫޕުން އަންނަ މަހުގެ 13 ވަނަ ދުވަހު 87 މީހުން ފުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަނާސިކު ހައްޖު ގުރޫޕުގެ މީހުން ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. އެ ގުރޫޕުގެ ހަވާލުގައި 85 މީހުން ހައްޖަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހައްޖުވެރީން ހައްޖަށް ދިއުމުގެ ކުރިން އެ މީހުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ގްރޫޕްތަކުގެ އެޑްވާންސް ޓީމްތައް ޖޫންމަހުގެ ފުރަތަމަ ހަފްތާގައި ފުރާނެ އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ހައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތްތައް ވީހާ ވެސް ފުރިހަމަޔަށް ގެންދެވުމަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފަސޭހައިން އެއަޕޯޓަށް ދެވޭނެ އިންތިޒާމްތަކާއި މައްކާ މަދީނާގައި ވެސް ދިވެހި ހައްޖުވެރިންނަށް ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށް ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.
ރާއްޖެއިން މިީހުން ހައްޖަށް ގެންދިއުމަށް ކޮންމެ އަހަރަކު ވެސް ރަސްމީ ކޯޓާގެ ގޮތުގައި ސައުދީ ސަރުކާރުން 1،000 ކޯޓާ ދެ އެވެ. އަދި ސަޢުދީ ސަރުކާރުން ދޭ ރަސްމީ ހައްޖު ކޯޓާ، 2،500 އަށް އިތުރުކޮށްދެއްވުމަށް ދިވެހި ސަރުކާރުން ވަނީ އެދިފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މި އަހަރު އިތުރު ކޯޓާ ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
ކޯވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ލިބުނުއިރު އެ އަހަރު ލިބިފައިވަނީ 453 ކޯޓާ އެވެ. އެ އަހަރު ޙައްޖަށް މީހުން ގެންދިޔައީ ޙައްޖު ކޯޕަރޭޝަނުން އެކަންޏެވެ.