ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރަށް ކުރެވިފައިވާ މަސައްކަތްތަކާމެދު ފަޚުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިޔާގެ "ދަހިންދޫއަށް" ދެއްވި އިންޓަވިއުއެއްގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި މި ސަރުކާރަށް ސިޔާސަތުތަކުގެ ހުރިހާ ދާއިރާތަކަކުން ގިނަ ކަންތައްތަކެއް ޙާޞިލުކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ޑިގްރީއާ ހަމައަށް ތަޢުލީމު ހިލޭ ކޮށްދެވިފައިވާ ކަމަށާއި ސިއްޙީ ދާއިރާގެ މަސައްކަތްތައް ހަރުދަނާ ކުރެވި ރާއްޖޭގެ ހޮސްޕިޓަލްތަކާ ސިއްޙީ މަރުކަޒުތައް ތަރައްޤީކުރެވި މާލެއިން ބޭރުގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ އަދި ޒަމާނުއްސުރެ ރާއްޖޭގައި އޮތް މަރުކަޒުކުރުމަށް ލާމަރުކަޒީ ގާނޫނުން ބަދަލު ގެނެސް ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް ގާނޫނީ ގޮތުން އެބާރު ލިބިދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަމުގެ މަސައްކަތްތައް ފުޅާ ކުރެވިފައިވާ ކަމަށެވެ. އަދި ތައުލީމާ ބެހޭ އާ ޤާނޫނެއް ވުޖޫދު ކުރެވިފައިވާ ކަމަށާއި ދެ ޖިންސުގެ ހަމަ ހަމަކަން ޤާއިމްކުރުމަށްޓަކައި ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރިން ހުރި އަނިޔާވެރި ގާނޫނުތައް އުވާލާފައިވާ ކަމަށާއި އެ ގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަބުރު ޙިމާޔަތްކުރުމުގެ ގާނޫނު އުވާލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ނޫސްވެރިންނާއެކީ އޮތް ގުޅުން ރަނގަޅު ކުރެވިފައިވާ ކަމަށާއި ޚާއްޞަކޮށް ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނާއެކު ވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ދާއިރާއިން ބޭރުގެ ގުޅުންތައް ހަރުދަނާ ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ކޮމަންވެލްތާ އަލުން ގުޅުން ގާއިމުކުރެއްވުމަކީ ދެ އަހަރުގެ މުހިއްމު ކާމިޔާބީއެއް ކަމުގައި ރައީސް ސޯލިހު ސިފަކުރެއްވި އެވެ.

ވޭތުވެދިޔަ އަހަރަކީ ކޯވިޑް-19ގެ ސަބަބުން ދަތި އުނދަގޫ އަހަރެއް ކަމަށާއި އެހެން ނަމަވެސް ސިއްހީ މާހިރުންގެ ލަފައާއެކު ރާއްޖެއިން އަޅާފައިވާ ހަރުދަނާ ފިޔަވަޅު ތަކަށް އެމަނިކުފާނު ފަޚުރުވެރިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މިއަދު ރާއްޖެ ރިކަވަރީ ފޭސްއަކަށް މިދިޔައީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި އެކި ޚިޔާލުތަކުގެ ބޭފުޅުން ތިއްބެވި ކަމުގައި ވިޔަސް ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި ނިމިދިޔަ ދެ އަހަރުގެ ތެރޭގައި ޚިޔާލު ތަފާތުވާ ބައެއް ކަންކަން ކުރިމަތިވި ނަމަވެސް ނަމަވެސް މަޝްވަރާކޮށްގެން އެކަންކަމާމެދު އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ.

ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުން ކަމަށާއި ސަރުކާރުގެ މުވައްސަސާތައް މިނިވަންކަމާއި އެކު އެފަދަ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމާއި އެކު ސަރުކާރު ޒިންމާދާރު ކުރުމަށް އިސްކަންދޭ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

މި ސަރުކާރުން ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރުމުގައި ފަސް ނުޖެހޭނެ ކަމަށާއި އަދި އެއީ ސަރުކާރުގެ ކިތަންމެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވިޔަސް، މޫނަކަށް ބެލުމެއް ނެތި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.