އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން އަތޮޅު ތެރޭގައި ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
އެމްޑީޕީން ބުނީ ރައީސް ސޯލިހުގެ ކެމްޕެއިން ހަރަކާތް ފެށުމަށްޓަކައި ށ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވާފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި ރައީސް ސޯލިހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ށ. ކޮމަންޑޫ އާއި މަރޮށި އާއި ނޫމަރާ އަދި ފޯކައިދޫ އަށެވެ.
ކޮންމެ ރަށަކަށް ވަޑައިގަތް އެރަށުގެ ތިބި އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރައްވާނެ އެވެ. ށ. އަތޮޅުގެ ރިޔާސީ އިންތިހާބު ރަސްމީކޮށް ފެށުމަށްޓަކައި ބާއްވާ ޖަލްސާ އޮންނާނީ ފޯކައިދޫގަ އެވެ. އެ ޖަލްސާގެ ކުރިން މިއަދު ފޯކައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ބަނދަރު އަދި ފުޓްބޯޅަ ދަނޑު ހުޅުއްވައި ދެއްވާނެ އެވެ.
ރައީސް ސޯލިހާ އެކު މި ދަތުފުޅުގައި ސަރުކާރުގެ އިސް ވެރިންނާއި ދެ ވަނަ ދައުރަކަށް އެ މަނިކުފާނާ އެކު ކޯލިޝަން ހަދާފައިވާ ދެ ޕާޓީ ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަވަ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ކެމްޕޭން ޝިއާރަކަށް ހަމަޖައްސަވާފައިވަނީ "އުފާވެރި އަމާންރާއްޖެ" އެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ރައީސް ސޯލިހް ވާދަކުރެއްވީ ރައީސް މުހައްމަދު ނަޝީދުއާ އެވެ. ރައީސް ސޯލިހް ވަނީ ބޮޑު ތަފާތަކުން ނަޝީދުގެ މައްޗަށް ކުރި ހޯއްދަވާފަ އެވެ.
ޕްރައިމަރީން ބަލިވެވަޑައިގަތުމުން ނަޝީދު ވަނީ ރައީސް ސޯލިހާ ދެކޮޅަށް ނިކުންނަވާ މަސައްކަތް ކުރަން ފަށާފަ އެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން އެމްޑީޕީން ވަކިވެ އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރައީސް ސޯލިހުގެ ވެރިކަން ނިންމުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާވެސް އަންނަނީ މަޝްވަރާ ކުރައްވަމުންނެވެ.
ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ނިކުންނަވާނީ އަދާލަތު ޕާޓީ އާއި އެމްޑީއޭ ހިމެނޭ ކޯލިޝަނަކާއެކު އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ސޯލިހް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައި ވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓުލުން ސެޕްޓެމްބަރު 30 ގައި ބޭއްވެވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.