ދެވަނަ ދައުރަކަށް އިންތިހާބު ވެއްޖެނަމަ މ. ވޭވަށުގައި އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅު ވޭވަށަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައި އެ ރަށުގެ ރަށްގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއެއް ހިމަނާފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ވޭވަށުގައި ބަނދަރެއް ތަރައްގީ ކޮށްފައިވާއިރު އެބަނދަރު ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވެގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެމައްސަލަތަކަށް ދެ ވަނަ ދައުރުގައި ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ވޭވަށުގެ ޒުވާނުންގެ ހުށަހެޅުމަކާ ގުޅިގެން އެންމެ ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ވެސް ވޭވަށުގައި އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ. އަދި ރާއްޖޭގެ އެކި ރަށްތަކުގައި މިހާރު 41 ފުޓުބޯޅަ ދަނޑާއި 70 ފުޓްސެލް ދަނޑުގެ އިތުރުން 17 ވޮލީ ކޯޓާއި 54 އައުޓްޑޯ ޖިމްގެ މަސައްކަތް މިހާރު ނިމިފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ރައްޔިތުންނަށް ބޭނުން މިވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން މިދަނީ އެ މަސައްކަތް ބާރަށް ކުރިއަށް ގެންދަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިއަދު ވެސް ވަނީ މ. އަތޮޅު މީގެ ކުރިން ނުލިބޭ ފަދަ ތާއީދެއް ލިބިގެންދާނެކަން ހާމަކުރައްވާފަ އެވެ. އަދި ބޮޑު އަގުލަބިއްޔަތަކުން މިއިންތިހާބުގައި ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
"މި ފަސް އަހަރުން މ. އަތޮޅަށް ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ލާ ވޯޓުގައި މ. އަތޮޅުގެ ބޮޑު އަގުލަބިއްޔަތެއް އަޅުގަނޑުމެންގެ ކޯލިޝަނަށް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.