އަބަދުވެސް ހުންނަނީ ކާހިތްވެފަ އެވެ. އެވެސް ގިނަފަހަރަށް ފޮނި ކާއެއްޗެކެވެ. މިއީ އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ކުރެވޭ އިހުސާސެކެވެ. މި "ކްރޭވިންގްސް"ތަކަކީ ގޭގައި ބައެއް ކަންތައް ކޮށްގެންވެސް ހައްލު ކުރެވިދާނެ ކަމެކެވެ.

އެންމެ ފުރަތަމަ ކަމަކަށް މާބޮޑަށް އެއްޗެއް ކާހިތްވާނަމަ ނުވަތަ ފޫހިވެގެން ކޮންމެވެސް އެއްޗެއް ކާން ބޭނުންވާ ނަމަ ފެން ތަށްޓެއް ބޯލާށެވެ. ފެންތަށި ބުއިމުން ބަނޑު ފުރޭ ގޮތް ވާނެ އެވެ. އަދި އޭގެ ސަބަބުން ކާހިތްވެފައި ހުރުން ފިލައި، ބަނޑުހައިކަމުގެ އިހުސާސް ވެސް ފިލައި ދިއުމުގެ ފުރުސަތު ބޮޑެވެ.

ގިނައިން ޕްރޮޓީން ކެއުމަކީވެސް މިކަމަށް އޮތް ހައްލެކެވެ. ޕްރޮޓީން އަކީ ހަޖަމުކުރަން ގިނަ އިރު ނަގާ އެއްޗެކެވެ. މިހެންކަމުން ގިނައިން ޕްރޮޓީން ކާނަމަ ކްރޭވިންގްސް އަންނަ ވަރު މަދުވާނެ އެވެ. ބިހުގެ ހުދު ބަޔާއި މަސް އަދި ކުކުޅަކީ ޕްރޮޓީން ހޯދުމަށް ރަނގަޅު ބާވަތްތެކެވެ.

ތަޖުރިބާކާރުން ލަފާ ދޭ ގޮތުގައި، މިގޮތަށް ކްރޭވިންގްސް އައުން މަދުކުރަން ބޭނުންނަމަ، މާބޮޑަށް ބަނޑުހައި ވިޔަ ނުދީ ހިފަހައްޓާލަން ވާނެ އެވެ. ސަބަބަކީ މާބޮޑަށް ބަނޑުހައި ވެފައި ހުންނަ ވަގުތު، ކުއްލިއަކަށް އެ ކާހިތްވާ އެއްޗެއް ނުކައި ބަހައްޓަން އުނދަގޫ ވާނެތީ އެވެ.

ދެން އޮތް ކަމަކީ ރަނގަޅަށް ނިދާލުމެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، ރަނގަޅަށް ނުނިދޭ ނަމަ، ހަކަތަ ހިފަހައްޓަން އަބަދުވެސް އެއްޗެއް ކާން ބޭނުންވެ އެވެ. އަދި ތަފާތު ކްރޭވިންގްސްތައް އާދެ އެވެ. އެހެންކަމުން ކްރޭވިންގްސްތަކާ ދުރުވުމަށް ކޮންމެ ރެއަކުވެސް 7-8 ގަޑިއިރު ނިދުމަށް ތަޖުރިބާކާރުން ލަފާ ދެ އެވެ.