ޓޫރިޒަމް މިނިސްޓަރަކަށް އަލީ ވަހީދު ހުންނަވައިގެން ކޮވިޑް-19 ގެ ކަންތައްތަކަށް ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓްގައި ރިޕޯޓްގައި ފާހަގަކޮށްފައިވާ 8 މައްސަލައެއް ތަހުގީގުކުރަން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަ ޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތައް ތަހުގީގު ކުރަމުންދަނިކޮށް އަމިއްލަ ފަރާތަކުން ވެސް އެ އޮޑިޓް ރިޕޯޓްގައިހުރި ބައެއް ކަންކަން ބެލުމަށް އޭސީސީއަށް ހުށަހަޅާފައިވާތީ އެކަންތައް ވެސް ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

އެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީންކުރި ޚަރަދުތަކާ ގުޅޭ ކޮމްޕްލަޔަންސް އޮޑިޓްގައި ރިޕޯޓްގައި އެ މިނިސްޓްރީގެ މަސައްކަތުގެ ދަށުގައި ނުހިމެނޭ ކަންތައްތަކަށް 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، ކޮވިޑް-19 އާ ގުޅިގެން ޖުމުލަ 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ 99 ޕަސެންޓަކީ ވެސް އެމިނިސްޓްރީގެ މެންޓޭޑުން ބޭރުން ކޮށްފައިވާ ޚަރަދުތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ އެމިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫންކަމާއި، އެ ކަންކަން ކުރުމުގެ ޒިންމާ އާއި ޙަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ޓޫރިޒަމް ސިނާއަތުގެ ޓްރަސްޓް ފަންޑުން ކުރާ ހުރިހާ ޚަރަދެއްގެ ހުއްދަ ދޭނީ ފަންޑުގެ ހިންގާ ކޮމިޓީން ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، އެ ފަންޑުން ކޮވިޑް-19 އާ ގުޅިގެން ކުރި ހުރިހާ ޚަރަދުކުރީ ކޮމިޓީން ފާސްކޮށްގެން ނޫން ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން އެ ފަންޑުން ޚަރަދުކުރި މައިގަނޑު ކަންތައްތަކާއި އެ ކަންތައްތަކާއި ގުޅިގެން ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އާއި ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ރެކޯޑުތަކުން ދައްކާ ޚަރަދުގެ ތަފްޞީލުތައް ވެސް އޮޑިޓް ރިޕޯޓްގައި ވެސް ވަނީ ހިމަނާފަ އެވެ.

އެ އޯޑިޓް ރިޕޯޓްގައިވާ ގޮތުން ކޯވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ރާއްޖޭގެ އެކި އެއާޕޯޓުތަކުގައި ތާމަލް އިމޭޖިން ކެމެރާ ސިސްޓަމްތައް ބަހައްޓާފައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށްގެންނެވެ. މިމަސައްކަތްތައް ހަވާލުކުރުމުގައި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާއި މަޝްވަރާކޮށް އެ ފަރާތްތަކުގެ ލަފާ ހޯދާފައި ވެސް ނުވާކަން ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކާ ގުޅޭ ކޮމްޕްލަޔަންސް އޮޑިޓްގައި ވަނީ ކަން ހިނގާފައިވާ ގޮތް ނޫން މަންޒަރެއް ލިޔެކިޔުމުން ދައްކަން މަސައްކަތް ކޮށްފައި ކަމަށެވެ.

އެ މައްސަލަތާ ގުޅިގެން، ޓްރަސްޓް ފަންޑުން ޚަރަދުކުރުމުގައި ސިންގަލް ސޯސްކޮށް ޙަވާލުކޮށްފައިވާ ކަންތައްތަކުގައި އިތުރު ފަރާތްތައް ޝާމިލުކުރުމުގެ ސަބަބުން ކުރަން ނުޖެހޭ ޚަރަދުތަކެއް ކުރަންޖެހިފައިވުމާއި މަސައްކަތްތައް ކުރުވި ގޮތް ނޫން މަންޒަރެއް ލިޔެކިއުމުން ދައްކަން މަސައްކަތް ކޮށްފައިވާތީ އާއި ގަވާއިދުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަކޮށްފައިވާ ކަމަށް ދެއްކުމަށް ޓަކައި ލިޔެކިއުންތައް ފަހުން ތައްޔާރުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭތީ އެކަންކަން އިތުރަށް ތަހުގީގުކުރުމަށް ވެސް އެ ރިޕޯޓްގައި ލަފާދީފައިވެ އެވެ.