މިއީ ވަކިވަކި ފަރުދުންގެ ހިޔާލަށްވުރެ މުޅި ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ފިއްލަދޫއަށް މިއަދު ވަޑައިގެން އެމަނިކުފާނު ވިދާޅުވީ އެންމެންގެ ތެރޭގައި ވެސް ހިޔާލުތަފާތުވުންތައް އޮންނާނެ ކަމަށެވެ. އަދި ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހު މިއޮތްގޮތުން ވޯޓުލުމުގެ ހައްގު ބައެއް މީހުން ބޭނުން ނުކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް މިއީ ވަކިވަކި ފަރުދުންގެ ހިޔާލަށް ވުރެ މުޅި ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންވަނީ މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން ކަމަށާ އިދިކޮޅު ޕާޓިތަކުންވެސް މާބޮޑު ސިޔާސީ ވާދަވެރިކަމެއް ނެތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.އެހެންނަމަވެސް ހުރި ހިޔާލުތަފާތުވުންތައް އެއްކިބާކޮށް މުޅި ގައުމަށް މަސްލަހަތު ހުރި ގޮތަކީ ކޮބައިތޯ ބަލާ ގޮތް ނިންމަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޖަޒުބާތުގައި ޖެހި ވޯޓަށް އަސަރުކުރަފަދަ ކަމެއް ނުކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"ތަފާތު ހިޔާލުތަކާ އެކު ކުރިއަށްދާން ދަސްކުރަންވާނެ. މިދިޔަ ފަސް އަަހަރު އަޅުގަނޑު ވެރިކަން ކުރަމުން މި އައީ އެ ގޮތަށް. އަޅުގަނޑުމެންގެ ތެރޭގައި ހުރި ތަފާތު ހިޔާލުތައް އެއް ތަންކޮށްގެން މުޅި ގައުމަށް. އެ ވެދާނެ އަޅުގަނޑަށް ނޫނީ ޝެއިހް އިމްރާން އަށް ނޫނީ ކޯލިޝަނުގައި ތިބި ލީޑަރުންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މިއަދު ފިއްލަދޫ އަށް ވަދައިގެން އެރަށުގައި ފެނާ ނަރުދަމާގެ މަސައްކަތްތައް ފައްޓަވައިދެއްވާފަ އެވެ. އަދި ސިއްހީ މަރުކަޒަށް ބޮޑުކުރި ބައި ވެސް މިއަދު އެމަނިކުފާނު ހުޅުވައި ދެއްވި އެވެ.