މަސްވެރިންގެ އެންމެ އަސާސީ ހައްގުތައް މި ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑު ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރަދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދީގެން ކުރިއަރުވާނެ ސިނާއަތް ކަމަށެވެ. މި ސަރުކަރުން ވަނީ މަސްވެރިންގެ އެންމެ އަސާސީ ހައްގުތައް ވެސް ނިގުޅައިގެންފައި ކަމަށް މުއިއްޒު ވިދޅާުވި އެވެ.

ޑރ. މުއިއްޒު ކެމްޕެއިނަށް އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ:ޕީޕީއެމް

މުއިއްޒު ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުތައް ހުރިގޮތުން މަސްވެރިންނާ އަދި މަސްވެރިކަމުގެ ސިނާއަތުގެ އުންމީދުތައް ގެއްލިފައިވާ ކަމަށެވެ. އެހެންވީމާ ޕީޕީއެމް/ޕީއެންސީ ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭނީ މަސްވެރިންގެ ހައްގު މަގާމު އެ މީހުންނާށް ހޯދައިދިނުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މަސްވެރިންނަށް މަސްވެރިކަމުން ލިބޭ އާމްދަނީ އާއި އުންމީދުތައް މި ފަސް އަހަރު ވަނީ މުޅިން ގެއްލިގެން ގޮސްފައި ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ މަސްވެރިންގެ ހައްގު މަގާމު އެ މީހުނަނށް ހޯދައިދޭން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނޭ އިންތިޒާމް ތައް ވެސް ހަމަޖެހިފައި ނެތުމަކީ މަސްވެރިންނަށް ދިމާވާ ގޮންޖެހުމެއް ކަމަށެވެ. އަމިއްލަ ވިޔަފާރިތަކުން ތެލުގެ ވިޔަފާރީގެ ތެރެޔަށް ވަދެ މޮނޮޕޮލައިޒް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ކޮންމެ އަތޮޅެއްގައި އެސްޓީއޯގެ ތޮޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމާށް މުއިއްޒު ވިދާޅުވި އެވެ.